މ. ނިރުފެހި ގޭގައި ރޭގައި ރޯވި އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން ބައެއް މީހުންނަށް މިހާރުވެސް ދަނީ ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ. މި ތަނުގައި އުޅޭ މީހުންގެ ރަސްމީ މައުލޫމާތެއް ލިބެން ނެތުމުން ރޭގައި ދިރި އުޅުނީ ކިތައް މީހުން ކަމެއް އަދި ޔަގީނެއް ނުވެއެވެ.
މ. ނިރުފެހި އަދި ސެންޑްރޯސް ގޭގައި އުޅޭ މީހުންނާއި އަދި އެގެއަށް ރޭގައި ޒިޔާރަތްކުރި މީހުން ނުވަތަ ބިދޭސީންގެ ތެރެއިން ވީނުވީއެއް ނޭންގި ހަބަރެއް ނުވާ މީހުންގެ މައުލޫމާތު ހޯދުމަށް މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަސައްކަތް ފަށާފައެވެ.

ރޭގެ އަލިފާނުގެ ހާދިސާގައި މަރުވީ މީހުންގެ ތެރޭގައި ހިމެނެނީ އިންޑިޔާ، ސްރީލަންކާ އަދި ބަންގުލަދޭޝް މީހުންނެވެ. މީގެ ތެރެއިންވެސް އެންމެ ގިނައީ އިންޑިޔާމީހުން ކަމަށް ހަބަރު ލިބެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި، މ. ނިރުފެހި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓުކުރީ ރޭ 00:30 ހާއިރު އެވެ. އެ އަލިފާންގަނޑު ނިއްވާލެވުނީ 4:30 ހާއިރު އެވެ. މީހުން ރެސްކިއު ކުރުމުގެ މަސައްކަތުގައި އެގޭތެރެއިން މަރުވެފައިވާ ނުވަ މީހެއްގެ ހަށިގަނޑު ފެނުނުއިރު ދެމީހަކު ހޮސްޕިޓަލަށް ގެންދެވުނެވެ. އޭގެތެރެއިން އެކަކު ފަރުވާދެމުން ދަނިކޮށް މަރުވިއިރު، އަނެކަކުގެެ ހާލަތުވެސް ވަރަށް ސީރިއަސް އެވެ.
ފަޔަ އެންޑް ރެސްކިއުޓީމުގެ ކޮމާންޑަންޓް ކާނަލް އިބްރާހިމް ރަޝީދު އެ ސަރަހައްދުގައި ހުންނަވާ މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވިގޮތުން، މިހާތަނަށް 10 މީހުން މަރުވި އެ ހާދިސާ ހިނގި އެގޭގައި އިންޑިއާ، ބަގްލަދޭޝް، އަދި ސްރީލަންކާ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދިޔައެވެ. ކޮންމެ މީހެެއްގެ އެނދުކައިރީ ކެއްކުމަށް ގޭސްފުޅިއެއް ހުރެ އެވެ.
ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވިގޮތުން، އަލިފާންގަނޑު ނިއްވާލުމުގައި އެހާ ގިނައިރުތަކެއް ނެނގީވެސް އެގޭސްފުޅިތައް ގޮވަމުން ދިއުމުން ނެވެ. ނަމަވެސް އެއީ ސީދާ ހާދިސާ ހިނގަން މެދުވެރި ސަބަބު ކަމަށް ބުނަން ދަތިކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުން ރޭ 00:30 ހާއިރު އެ ހާދިސާގެ ރިޕޯޓު ލިބިގެން ފަޔާ ފައިޓަރުން އެސަރަހައްދަށް އައިރުވެސް އިމާރާތުގެ ތިރީގައި ވަރަށް ބޮޑަށް ރޯވެ އަދަމުންދިޔަ އެވެ.
އެންމެ ބޮޑު އަމާޒަކަށް ވީ އަލިފާންގަނޑު ހިފާފައިވާ ގެ ކައިރީ ހުރި އެހެން ގެތަކަށް އަލިފާންގަނޑު ފެތުރުނަ ނުދީ ގެއްލުންތައް ކުޑަކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަލިފާންގަނޑު ނިއްވާލެވުނުއިރު ކައިރީ ހުރި އެއްވެސް ގެ އަކަށް ގެއްލުންވެފައެއް ނުވެއެވެ. މިއީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކޮށް މީހުން ސަލާމަތްކުރުމުގެ މަސައްކަތްކަތުގެ ތެރެއިން ވަރަށް ބޮޑަށް ފިހިފައިވާ އެކަކު ސަލާމަތް ކުރެވުނުކަންވެސް އޭނާ ފާހަގަކުރެއްވި އެވެ. އެއީ ބަގްލަދޭޝް މީހެކެވެ. މިވަގުތުވެސް އެމީހާއަށް ދަނީ ސީރިއަސް ހާލަތުގައި ފަރުވާދެމުން ނެވެ.
މަރުވި 10 މީހުންގެ ތެރެއިން އަންހެން ފިރިހެން އަދި ދެނެގަންނަން ދަތިކަން ކޮމާންޑަންޓް ފާހަގަކުރެއްވި އެވެ.
މި ހާދިސާގެ ކުރިން މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ 2019 ވަނަ އަހަރު އެވެ. ކެމިކަލް ގުދަނެއްގައި ރޯވެ، އެ ގުދަނުން ކެމިކަލްތައް ގޮވުމުގެ ސަބަބުން ރޯވި ބޮޑު އަލިފާންގަނޑުގައި ނިޔާވެފައިވަނީ ހ. ރަދުވާނިއާގޭގެ ތިންވަނަ ފްލޯގައި ދިރިއުޅުނު ތ. ބުރުނީ ފެންފިޔާޒުގެ އައިޝަތު ޝައުނާ (47) އެވެ.