ރައްޔިތުން މަޖުލީހުގެ ރައީސް މުހައްމަދު ނަޝިދު އިތުބާރު ނެތް ކަމުގެ މައްސަލާގައި ނައިބްރައީސް ހާޟިރުނުވުމުން ޖަލްސާތައް ކެންސަލްކޮށް މަޖުލިސް މަރުތަޅުން ނައްޓަން އެމްޑީޕީން ސްޕްރީމް ކޯޓަށް ވެއްދި މައްސަލަ ކާމިޔާބު ކޮށްފިއެވެ. ގާނޫނީ ގިނަ ބޭފުޅުންވެސް ވިދާޅުވަމުން ގެންދަވަނީ މަޖުލީހުގެ އަމީންއާއްމު ޖަލްސާތައް ނުބާއްވަނީ އީވާ އާއި ނަޝީދުގެ ނުފޫޒުން ކަމަށާއި އެންމެ ދެ މީހެއްގެ ސަބަބުން ދައުލަތުގެ އެއް ބާރު ހުއްޓުވާފައި ނުބޭއްވޭނެ ކަމަށެވެ. ސްޕްރީމް ކޯޓުގެ ހުކުމުގައިވެސް ފާހަގަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށާއި، މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް ގަވައިދު މާނަ ނުކުރެވޭނެ ކަމަށެވެ.
އިތުބާރުނެތް ކަމުގެ ގަރާރު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ކުރި ހުކުމްގައި ބުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅަންޖެހޭ ފަސް މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި އަތުވެދާނެ ގާނޫނީ ހުސްކަމަން އޮތް ހައްލެކެވެ. އެ ފަސް މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް ގަވައިދުގައި ނެތްކަން ހުކުމުގައި ފާހަގަކުރި އެވެ. ނަމަވެސް މަޖުލީހުގެ އަމީންޢާއްމު ވަނީ އެހެން މެމްބަރެއްގެ ރިޔާސަތުގައި ޖަލްސާއެއް ބާއްވަން ދެކޮޅު ހަދާފައެވެ. ސްޕްރީމް ކޯޓުގައިވެސް އަމީންއާއްމު ވަނީ މަޖުލީހުގެ ރިޔާސަތަށް ހުށައަޅައިގެން ގޮތްތަކެއް ނިންމަން ސްޕްރީމް ކޯޓަށް ހުށައަޅާފައެވެ.
ސްޕްރީމް ކޯޓުގެ މި ހުކުމާއި ގުޅިގެން މަޖުލީހުން ކަންތައް ކުރާނެ ގޮތެއް އަދި ހާމައެއް ނުކުރެއެވެ. ދާދި ދެންމެ ކުރި ހުކުމުގެ ސަބަބުން އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް، ނައިބް ރައީސް ރިޔާސަތުގައި ނެތިވެސް ޖަލްސާ ކުރިއަށް ގެންދެވިދާނެއެވެ.