އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދައުވަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޤަބޫލުފުޅު ކުރައްވައިފިއެވެ.
މި ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުވަތު ދެއްވައި ފޮނުއްވި ސިޓީފުޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ހެޔޮއެދުންތައް ފޮނުއްވައި 3 ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ މަގާމުގެ ހުވާކުރެއްވުމުގެ މުހިންމު ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރު މަގާމުގެ ހުވާކުރެއްވުމުގެ ތާރީހީ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއްކަމުގައި ވިދާޅުވެ އެ ރަސްމިއްޔާތަށް ދައުވަތު އެރުވީތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެގައުމުގެ ގުޅުން ކުރިޔަށްދަނީ ރަނގަޅު މިސްރާބަށްކަން މި ދަތުރުފުޅުން ރަމްޒުކޮށްދޭކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ ސިޓީފުޅު އެމަނިކުފާނަށް ރައްދުކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާ ސަފީރަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިންޑިއާގެ އާއްމު އިންތިހާބު ކާމިޔާބު ކުރައްވައި ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ތިން ވަނަ ދައުރެއް ކަށަވަރު ކުރައްވާފައެވެ.