ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުޙައްމަދު ލަޠީފް ޔުނާން ސްޕޯޓްސް ވަރކިންގ ޓީމްގެ ޓްރެއިނިންގ ބޭސްއަށް ޒިޔާރަތްކުރައްވައިފިއެވެ. ނައިބް ރައީސް ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ، ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މިއަދުގެ ޒިޔާރަތުގައި ނައިބް ރައީސް ވަނީ، ޖޫޑޯ، ޖިމްނާސްޓިކްސް، ފެތުން އަދި އެހެން ކުޅިވަރުތަކުގެ ތަމްރީނުތައް ކުރިއަށްގެންދާ ތަނަށް ޒިޔާރަތްކުރައްވައި، ތަމްރީނުތައް ކުރިއަށްދާ ގޮތާއި އެ މަރުކަޒު ބައްލަވާލައްވާފައެވެ. އަދި އެ މަރުޒަކުގެ އިސްވެރިން ވަނީ، ރާއްޖޭގެ އެތުލީޓުންވެސް އެތަނުގައި ތަމްރީނުތައް ކުރިއަށްގެންދިއުމަށް އެދޭކަން ފާހަގަކުރައްވާފައެވެ.
ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބާއްވާ ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ގައި ނައިބް ރައީސް ހުސައިން މުހައްމަދު ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ހިނގާ ޑިސެމްބަރު 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.




