ރައްޔިތުން މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުބާރުނެތް ކަމުގެ މައްސަލަ މަޖުލީހުގައި ކުރިއަށް ނުދާތިވެ، އެމްޑީޕީން ސްޕްރީމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހައްލުތަކެއް ކަމަށް، މަޖުލީހުގެ އަމީން އާއްމު ހުށައެޅުއްވީ ސްޕްރީމް ކޯޓު ހުކުމް ނޫން ހައްލުތަކެކެވެ. އަމީންއާއްމު ހުށައެޅި ކަންކަމުގައި އެއްވެސް ވަރަކަށް ސްޕްރީމް ކޯޓުން ގޮތެއް ނިންމުމަށް ނުވަތަ މިހާރު ހުށައަޅާފައިވާ މައްސަލައިގެ ހުކުމެއް ބޭނުން ނުވާކަމަށް ދޭހަވާ ގޮތަށް މިއަދުވަނީ މަޖުލީހުން ގޮތްތަކެއް ނިންމުމަށް ހުށައަޅާފައެވެ. މި ގޮތުން ހުށައަޅާފައިވާ ހައްލު ތަކަކީ؛
މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާގެ (ށ) ދަށުން މަޖިލީހުގެ އާންމު ކޮމިޓީގެ އަމިއްލަ އިސްނެންގެވުމުގެ މަތިން ގަވާއިދަށް ގެންނަ އިސްލާހެއް ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުން
މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ހިންގުމުގެ އުސޫލަށް ބަދަލު ގެނައުމަށް އާންމު މެމްބަރަކު ގަރާރެއް ހުށަހެޅުން
މަޖިލީހުގެ ގަވާއިދުގެ 249 މާއްދާގެ (ށ)ގެ ދަށުން ގަވާއިދަށް ގެންނަން ފެންނަ އިސްލާހު މައްސަލައެއްގެ ގޮތުގައި ހުށަހެޅުން؛ މިހާރު ވެސް އެފަދަ މައްސަލައެއް އޮތްކަމާއި އެ މައްސަލަ އެޖެންޑާކުރަން އަންގާފައިވާނެ ކަމަށް ވިދާޅުވި
ގަވާއިދުގެ 205 މާއްދާގައި މިހާލަތުގައި އަމަލުކުރާނެ ގޮތެއް ނެތަތީ، އެކަމާ މެދު އަމަލުކުރާނެ ގޮތަކާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުން،
މި ހުރިހާ ކަމެއް ހުށައަޅަން ޖެހެނީ ރައްޔިތުންގެ މަޖުލީހުގެ ރިޔާސަތަށެވެ. ރިޔާސަތުގައި ހުންނެވީ ޑިމޮކްރެޓްސް ޕާޓީއަށް ނިސްބަތްވާ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އެ ޕާޓިއަށް ނިސްބަތްވާ ނަޝީދުގެ އާއިލީ ބޭފުޅެއް ކަމަށްވާ އީވާ އަބްދުﷲ އާއި މަޖުލީހުގެ ރިޔާސަތު ބެލެހެއްޓުން ހަވާލުކުރާ ދުވަސްވީ މެމްބަރެއްގެ ހައިސިއްޔަތުން ޑިމޮކްރެޓްސްގެ ހަސަން އަފީފެވެ. މިހާރުވެސް މަޖުލީހުގައި ޖެހިގެން އުޅޭ މައްސަލައަކީ މި މެމްބަރުން ބޭނުން ނުވެގެން މަޖުލީހުގެ ޖަލްސާތައް ހުއްޓުވާފައިވާ މައްސަލައެވެ. އަމީންއާއްމު ގެ ހުށައެޅުންތައް މި މެމްބަރުން ރިޔާސަތު ބަލަހައްޓާ ނަމަ ފާސް ކުރުމާއި އެޖެންޑާ ނުކުރެވޭނެކަން ވޭތުވެދިޔަ ހުރިހާ ޖަލްސާއަކުން ވަނީ ފެނިފައެވެ. ބެލޭ ގޮތުގައި އަމީންއާއްމު ބޭނުންވާ ގޮތަކީ މި މައްސަލަ ސްޕްރީމް ކޯޓުން ނެގުމަށްފަހު އަލުން މަޖުލީހަށް ގެނެސް ދައުރު ނިމެންދެން ޑެޑްލޮކަކަށް ދިއުމެވެ. މިއީ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިމަތިވެފައިވާ މަޖުލީހުގެ ރައީސް ނަޝީދުވެސް ބޭނުންވާ ގޮތެވެ.
ގާނޫނީ ބައެއް ބޭފުޅުން ދެކޭ ގޮތުގައި މަޖުލީހުގެ އަމީންއާއްމު މިއަދު ވަނީ ސްޕްރީމް ކޯޓުގައި މައްސަލައިގެ އަސްލު އޮޅުވާލައި އަނެއްކާވެސް މަޖުލިސް ހުއްޓުވާފައި ބޭއްވުމުގެ ގޮތުން ކަންތައްތައް ކުރުމަށް މަގުފަހިކުރުމަށް ވާހަކަ ދައްކާފައެވެ. އަމީންއާއްމު ސްޕްރީމް ކޯޓަށް ހުށައެޅި ކަންކަމަކީ މިހާރުވެސް ހައްލެއްނެތް ކަމަކަށްވާތިއެވެ.