ފްރާންސްގެ މަގްބޫލު ޓީވީ ތަރި އަދި މޮޑެލް މަރީން އަލް ހައިމަރ އިސްލާމްވެއްޖެއެވެ. ސޯސަލްމީޑިއާގައިވެސް ނުފޫޒުގަދަ މަރިން ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ މިސްކިތެއްގައި އިސްލާމްދީން ގަބޫލުކުރާ މަންޒަރެވެ. އެ ވީޑިއޯގައި ޝަހާދަތްކިޔައި އިސްލާމްދީން ގަބޫލުކޮށް އެތަނުގައި ތިބި ބައެއް އަންހެނުން ހައިމަރ އަށް ސަލާމްކޮށް މަރުހަބާ ކިޔާ މަންޒަރު ފެނެއެވެ.
ފްރާންސުގެ ޒުވާނުންގެ ތެރޭގައިވެސް އެންމެ މަގްބޫލު ސެލެބްރިޓީން ތެރޭގައި ހިމެނޭ ހައިމަރ އޭނާގެ ފޭނުންނަށް މުހާތަބްކޮށް ބުނެފައިވަނީ ”އިސްލާމްދީން ގަބޫލުކުރީ އެއީ ހިތާއި ހަށިގަނޑާއި ފުރާނައަށް ލިބެންއޮތް ހިތްހަމަޖެހުމުގެ ހަމައެކަނިގޮތް ކަމަށްވާތީއެވެ“ ކުރިން އުޅުނު ދީން ދޫކޮށް އެހެން ދީނަކަށް (ހައްގު ގޮތް އެނގުމުން) ބަދަލުވުމަކީ ކަދުވެތިކަމެއް ނުވަތަ ލަދުގަންނަން ޖެހޭވަރު ކަމެއްނޫން ކަމަށެވެ. އެއީ އެންމެންނަށްވެސް ލިބިގެންވާ ހައްގެއް ކަމަށާއި އެކަމާ ފަސްޖެހުމެއް ލަދުގަތުމެއް ނުބޭއްވުމަށެވެ. ހައިމަރ ގަބޫލުކުރާ ގޮތުގައި އިސްލާމްވި ދުވަހަކީ އޭނާގެ ހަޔާތަށްއައި އެންމެ އުފާވެރިދުވަހެވެ.
އުމުރުން 28ގެ މަރިން އަލް ހައިމަރ އަކީ ފްރާންސުގެ ރިއަލިޓީ ޝޯވްތަކާއި، ފިލްމާއި ޑްރާމާތަކުގައި ހަރަކާތްތެރިވެފައިވާ އަދި ކުޑައިރުން ފެށިގެން މޮޑެލް ކުރުމާއި ފެޝަން ޝޯވްތަކުގައި މަގްބޫލު މަޝްހޫރު މޫނެކެވެ. ނަމަވެސް އިސްލާމްދީން ހިޔާރުކުރުމަށްފަހު ކުރީގެ ސްޓައިލްތައް ދޫކޮށްލައި މިހާރު ބޭނުންކުރަނީ ބުރުގާ އާއި ގަޔަށްދޫކޮށް ހުންނަ ހެދުންތަކެވެ.