ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
ރައީސް އޮފީހުގެ އިއުލާނުގައި ބުނެފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 18 ޑިސެންބަރު 2023 ވާ ހޯމަ ދުވަހާއި އަދި 19 ޑިސެންބަރު 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.
މެމްބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ތަކަކީ:
ދިވެހި ރައްޔިތަކު ކަމުގައިވުން.
މުސްލިމަކު ކަމުގައިވުން.
ބުއްދި ސަލާމަތުން ހުރުން.
އުމުރުން 30 އަހަރު ވެފައިވުން.
އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން، އަދި ޖިނާއީ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
އެއްވެސް އެހެން ވަޒީފައެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
ފުރަތަމަ ޑިގްރީއެއް ހާސިލުކުރުމަށްފަހު، ހިންގުމުގެ ދާއިރާއިން މަދުވެގެން 10 (ދިހައެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ”ފުރަތަމަ ޑިގްރީއެއް ހާސިލުކުރުން“ ކަމުގައި ބެލެވޭނީ ޤައުމީ ސަނަދުގެ އޮނިގަނޑުގައި ފުރަތަމަ ޑިގްރީއެއްކަމުގައި ބަލައިގަންނަ ސަނަދެއް ހާސިލުކޮށްފައިވާނަމައެވެ.
5 މެމްބަރުން ހިމެނޭ ސިވިލް ސަރވިސް ކޮމިޝަނުގައި މިހާރު ހިމެނެނީ، ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު، ކޮމިޝަނުގެ ނައިބް ރައީސް އިބްރާހިމް ރަޝިދު، މުހައްމަދު ފަރުޝަތު އަދި ފާތިމަތު ޝަރީފެވެ.