ދިވެހި ރާއްޖެއަކީ އަވައްޓެރި ގައުމެއްގެ އިތުރުން އިންޑިއާ ކަނޑު ހިމެނޭ ސަރަހައްދުގެ މުހިއްމު ބައިވެރިއެއް ކަމަށް، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ޢާންމު އިންތިޚާބުގައި ހޯދި ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވުމާއި ގުޅިގެން އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވައި ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރަށް މަރުހަބާ ވިދާޅުވެ ސޯޝަލްމީޑިއާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަޠީފް ކުރެއްވި ޕޯސްޓާއި ގުޅިގެން އެމަނިކުފާނަށް ވެސް އިންޑިއާގެ ބޮޑުވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ޝުކުރު އަދާކުރެއްވުމުގެ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓުގައި، ދެޤައުމުން ގުޅިގެން މަސައްކަތްކޮށް ދޭދޭގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުން ގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައި ވެއެވެ.