ކ. މާފުށި ހިއްކި ބިމުން ގޯތި ބޭނުންވާ ފަރާތްތަކަށް ގޯއްޗަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ގޯއްޗަށް އެދޭ ފަރާތަކީ މާފުށީ ރައްޔިތަކަށް ނުވާނަމަ، 30 ޕޮއިންޓް އުނިވާގޮތަށް އާ އުސޫލެއް އެކުލަވާލައިފި އެވެ.
ކުރިން އާއްމުކޮށްފައިވާ އުސޫލުގައި ބުނާގޮތުން މާފުށީ ރައްޔިތަކަށް ނުވިޔަސް ޕޮއިންޓް ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނެތެވެ.
އަލަށް އެކުލަވާލި އުސޫލަށް ދެ ބަދަލެއް ގެނެސްފައިވާއިރު މާފުށީ ރައްތިތަކަށް 30 ޕޮއިންޓް ލިބޭގޮތަށް އަދި އުމުރުން 40 އަހަރު ވެފައިވާނަމަ 20 ޕޮއިންޓް ލިބޭގޮތަށް ވަނީ ބަދަލުކޮށްފައެވެ.
އާ މާފުށީގެ ނަމުގައި ސަރުކާރުން ހިއްކާ މާފުއްޓަށް އިތުރުކުރި ބިމުން ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 308 ބަންޑާރަ ގޯއްޗެވެ. މިއީ ފަހުން ހިއްކި 25 ހެކްޓަރުގެ ބުމުގެ ސަރަހައްދެކެވެ.
މާފުށީ ކައުންސިލުން ކަނޑައަޅާ އާއްމުކޮށްފައިވާ ޝަރުތުގައި ބުނާގޮތުން ކޮންމެ ދިވެހި ރައްޔިތަކަށްވެސް މާފުށިން ގޯތި ހޯދުމަށް ކުރިމަތި ލެވޭނެއެވެ. ޝަރުތުތަކީ ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުމެވެ.
އަދި ސަރުކާރުން ހަދާފައިވާ އިމާރާތެއް ނުވަތަ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ނުވުމާއި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮތްނަމަ އެތަން ދޫކޮށްލި ފަހުން ނުވަތަ ވިއްކާލި ފަހުން ދެ އަހަރު ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ފަރާތަކަށް ވާންޖެހޭނެކަމަށްވެސް ޝަރުތުގައި ބުނެފައި ވެއެވެ.
މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 13:00 އާ ހަމައަށް ފޯމް ބަލައިގަތުމަށް ނިންމާފައިވާއިރު، ފޯމް މިހާރު މާފުށީ ކައުންސިލުންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ވަނީ 2021 ވަނަ އަހަރު މާފުށީ ފަޅުގެ ދެކުނު ފަރާތުން 25 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ.