ވޭތެވދިޔަ 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލެއާއި އައްޑޫ ސިޓީގައި ހިނގަމުންދާ ސިލްސިލާ މަރާމާރީއައި ހަމަނުޖެހުންތަކާއި އަދި ކުށްތައް ގިނަވަމުން އަންނާތީ އެކަމާ ކަންބޮޑުވެ، އެމްޑީޕީން ބަޔާނެއް ނެރެފިއެވެ. އެ ބާޔަނުގައި ބުނެފައިވަނ ”ދިވެހިރާއްޖޭގެ އަމާންކަން ގެއްލި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށްކުރުމާއި މާރާމާރީތައް އިތުރުވުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނުހަނު ކަންބޮޑުވާކަމެކެވެ. ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަމާއި، މަގުތަކުގެ އަމާންކަން ގައުމުގައި ގައިމު ނުކުރެވުމަކީ މި ޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫން“ ކަމަށެވެ.
މީގެ އިތުރުން އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުން އަންނަ އަބުރުވެރި ދިރިއުޅުމަކަށް ގެދޮރުގެ ހުރުމަތް ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭނެއެވެ. އަމާން ރާއްޖެ އެއްގެ ހިޔާ ދަށުގައި، ފިކުރުބޮޑު ނުވާ ދިރިއުޅުމެއްގެ އުފާ ލިބެންވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔަމުން، އެމްޑީޕީން ބުނެފައިވަނީ ”މާޒީގައިވެސް، ޕީޕީއެމް-ޕީއެންސީގެ ވެރިކަން ބައްޓަން ކުރީ އެމްޑީޕީގެ އަސާސްތަކާއި ނުކިއްސަރުކޮށެވެ. ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައިވެސް މަގުތައް ނާމާންވެ، ގެދޮރުގެ ހަތަރު އިންފާރަކީ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް ވެގެންދިޔައެވެ. މި ޕާޓީއަށް ފެންނަ ފެނުމުގައި، މި ސަރުކާރުގެ އަމަލުތައްވެސް މިހިރީ އެ މަގުންނެވެ.“
އަމަން އަމާންކަށް ބެލެހެއްޓުމުގެ ކަންކަމުގެ އިސް ފަރާތް ކަމަށްވާ ޕޮލިހުންގެ ވެރިއަކުވެސް އައްޔަން ކުރެވިފައިނުވާތީ އެކަމަށްވެސް ވަނީ ފާޑުކިޔާފައެވެ. އެމްޑީޕީގެ ކަންބޮޑުވުމަކީ
މިއަދާ ހަމައަށްވެސް ގައުމުގެ އަމަން ބެލަހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފުލުހުންގެ ހިދުމަތަށް އިސްވެރިޔަކު އައްޔަނުކޮށްފައި ނުވާކަމާއި. މިއީ ފުލުހުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރަން އޮތް ހުރަހެއް ކަމަށެވެ. އެމްޑީޕީން ވަނި ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް މި ސަރުކާރަށް ޕާޓީއިން ގޮވާލާފައެވެ.
އެމްޑީޕީގެ ބަޔާނުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ނިމިގެންދިޔަ (އެމްޑީޕީ) ސަރުކާރަކީ ފާއިތުވި 15 އަހަރު ތެރޭގައިވެސް ދިވެހިރާއްޖޭގައި އެންމެ ކުށް މަދު ކުރެވުނު ފަސް އަހަރެވެ. އެއީ އަމާންކަން ނެގެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް ޒިންމާ ކަމުގައި ދެކި، ގިނަ މުއައްސަސާތަކެއް ގުޅިގެން ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާއެވެ.
ބަޔާން ނިންމާލަމުން އެމްޑީޕީން ވަނީ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ބިރުވެރިކަމެއް ނެތި އުޅެވޭނެ މުޖުތަމައެއް ގާއިމުކޮށްދިނުމަށް ގޮވާލާފައެވެ.