ރައްޔިތުން މަޖުލީހުގެ ރައީސް މުހައްމަދު ނަޝިދު އިތުބާރުނެތް ކަމަށް މެމްބަރުން ހުށައަޅާފައިވާ މައްސަލައިގަ ބާންވަން ޖެހޭ މަޖުލީހުގެ ޖަލްސާތައް ނޮވެމްބަރު 17 އާއި ހަމައަށް ބޭއްވުމާމެދު ސުވާލު އުފެދިއްޖެއެވެ. އިތުބާރު ނެތް ކަމުގެ މައްސަލާގައި ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމަށް މަޖުލީހުގެ އަމީންއާއްމު ބޭނުންވަނީ ހަމައެކަނި މަޖުލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ޖަލްސާގައި ބައިވެރިވާ ނަަމައެވެ. އަމީންއާއްމުގެ މި ނިންމުމުގެ ސަބަބުން އީވާ ބަލިވެ ކަމަށް ބުނެ މަޖުލީހަށް އަންނަނީ ސަލާމް ބުނަމުންނެވެ. މެމްބަރުން ތުހުމަތުކުރާ ގޮތުގައި އީވާ ގަސްތުގައި މަޖުލީހަށް ހާޟިރުނުވަނީ މަޖުލީހުގެ ރައީސް އަދި އީވާގެ ބޮޑުބޭބެ ނަޝީދުގެ އިތުބާރުނެތް މައްސަލަ ދިގުދަންމާލާ އެކަން ކުރިއަ ނުދިނުމަށެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ އެމްޑީޕީންވަނީ އަވަސް މައްސަލައެއްގެ ގޮތުގައި ސްޕްރީމް ކޯޓަށްވެސް ހުށައަޅާފައެވެ. މި މައްސަލަ ދިގުދެމިގެންދާ ގޮތުން އިންތިހާބީ ރައީސް ހުވާ ކުރުމަށްވެސް ހުރަސް އެޅިދާނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވެއެވެ. ރައްޔިތުންގެ މަޖުލީހުގެ ގަވައިދުގައި އޮންނަނީ މަޖުލީހުގެ ރައީސް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށައަޅާފައިވާ ހިނދަކު އެހެން އެއްވެސް ކަމެއް، މަސައްކަތެއް މަޖުލީހުގެ ތަޅުމުގައި ކުރިއަށް ނުގެންދެވޭނެއެވެ. ރައީސުލް ޖުމްހޫރިއްޔާ ހުވާ ކުރުމުގެ ރަސްމިއްޔާތަކީވެސް ރައްޔިތުންގެ މަޖުލީހުން ކުރަން ޖެހޭ ކަމެކެވެ.
ނަޝީދާއި އީވާވެސް ބޭނުންވަނީ އާ ރައީސް ހުވާ ކުރުމުގެ މައްސަލަވެސް މި ކަމުގެ ތެރެއަށް ވައްދައިގެން، އިތުބާރު ނެތް ކަމަށް ހުށައެޅި މެމްބަރުން ޕްރެޝަރަށް ވައްޓާލުންކަން ބައެއް މެމްބަރުން ތުހުމަތު ކުރެއެވެ.
ބަލި ސަލާމުގައި ހުއްޓަސް ދަތުރުފަތުރު ކުރުމާއި އެހެންވެސް ކަންކަމުގައި އީވާ ބޭރު ތެރޭގައި އުޅޭކަމަށް އާއްމުން ބުނެއެވެ.




