މާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެކުލަވައިލާފައިވާ ކްލިމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަކަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އައްޔަން ކުރުމަށް ފާސްކޮށްފިއެވެ.
ހިވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި މިއަދު އޮތީ ކްލިމެންސީ ބޯޑަށް މަޖިލީހުން މެންބަރަކު ކަނޑައެޅުން އެޖެންޑާކޮށްފައެވެ. އެ ބޯޑަށް މެންބަރުންގެ ނަން ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ ޝުޖާއުގެ ނަން ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލެވެ.
މިއަދުގެ ވޯޓުގެ ވަގުތުގައި ޝުޖާއު ކްލިމެންސީ ބޯޑަށް އައްޔަންކުރުމާ މެދު ވަނީ ވޯޓަށް އަހައިފައެވެ. މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީގެ 75 މެންބަރުން ތިބީއިރު ޝުޖާއު އެ މަގާމަށް އައްޔަންކުރަން ވޯޓުގައި ބައިވެރިވެވަޑައިގެން 88 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.
މަޖިލީހުގެ މެމްބަރަކާއެކު ކްލެމެންސީ ބޯޑުގައި ތިބެނީ 11 މެންބަރުންނެވެ.
ނިމިދިޔަ 19 ވަނަ ދައުރުގައި ކްލިމެންސީ ބޯޑުގައި މަޖިލިސް ތަމުސީލުކުރެއްވީ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާއުއެވެ.




