މާލެ އިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަނިކޮށް ގެއްލިގެން ހޯދި އެމްސާވާރީ ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށާއި ބޯޓުން ދަތުރުކުރި ހަ މީހުން ކަނޑުމަތީގައި ތިއްބާ ސަލާމަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފި އެވެ.
ރޭ މެންދަމު 01:30 ހާއިރު މާލެއިން ފުރައިގެން ވ.ފެލިދޫއަށް ދަތުރުކުރި އެމް ސަވާރީ ބޯޓްގެ ޚަބަރެއް ނުވުމާއި ގުޅިގެން އެބޯޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފަށާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
މި ބޯޓް ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 06:30 ހާއިރުއެވެ.
މި އުޅަނދުގެ ޚަބަރެއް އެންމެފަހުން ވެފައި ވަނީ ކ.ގުރައިދޫ އިރުން 10 ނޯޓިކަލް މޭލު ބޭރުންނެވެ. މި ބޯޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ވައިގެ މަގުންނާއި ކަނޑުމަގުން ކުރި މަސައްކަތުގައި އެމްއެންޑީއެފްގެ ޑޯނިޔާ އެއާކްރާފްޓަށް މި މީހުން ފެނި ކޯސްގާޑް ޝިޕް ގާޒީއަށް މި މީހުންނަގާފައިވާކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

މި ހާދިސާގައި އެމް ސަވާރީ ބޯޓްވަނީ އަޑިއަށް ގޮސްފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިއުޅަނދަކީ 75 ފޫޓްގެ އުޅަނދެއްކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މޫސުން ގޯސްވެ ކަނޑުތައް ގަދަވުމާއިއެކު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާއިބެހޭ އިދާރާތަކުންދަނީ އިލްތިމާސްކުރަމުންނެވެ. މީހުންގެ ފުރާނައާއި މުދަލުގެ ސަލާމަތަށް ޓަކައި މޫސުމާއި ބެހޭ އިދާރާގެ މައުލޫމާތުތަކަށް ސަމާލުކަން ދިނުމަށްވެސް ކަމާ ބެހޭ ފަރާތްތަކުން އެދެއެވެ.




