ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެ، ކޮވިޑުގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 64 ކަށް އަރައިފިއެވެ.
އެޗްޕީއޭއިން މައުލޫމާތުދިން ގޮތުގައި މިއަދު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 ގައި ފަރުވާދެމުން ދިޔަ 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 56 ވަނަ ދިވެހި މީހާއެވެ.
ކޮވިޑްގައި ރާއްޖެއިން އިތުރު މީހަކު މިއަދު ނިޔާވެފައިވާއިރު، ކޮވިޑް ޖެހިގެން އިއްޔެ ވެސް ރާއްޖެއިން ވަނީ މީހަކު ނިޔާވެފައެވެ. މި އަހަރު މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން 16 މީހަކުވަނީ ނިޔާވެފައެވެ. އޭގެތެރެއިން ޖެނުއަރީ މަހު 4 މީހަކު ނިޔާވެފައިވާއިރު، ނިމުނު ފެބްރުއަރީމަހުވަނީ 10 މީހަކު ވަނީ ނިޔާވެފައެވެ. އަދި މިހިނގާ މާރޗް މަހު ކޮވިޑް ޖެހިގެން މިހާތަނަށް ދެމީހަކު ރާއްޖެއިންވަނީ ނިޔާވެފައެވެ.
ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، ރާއްޖޭގައި އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިއަދުވަނީ އިތުރުކޮށްފައެވެ. މިއީ ޞިއްޙަތުގެ ކުއްލި ނުރައްކަތުގެ ހާލަތު އިތުރުކުރި 12 ވަނަ ފަހަރެވެ.
ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 12 ވަނަ ފަހަރަށް އިތުރު ކޮށްފައިވާއިރު، ކޮވިޑް-19 ވަނީ ވަރަށް ބޮޑަށް ފެތުރެން ފަށާފައެވެ. އެގޮތުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައިވެސް މި ބަލި މުޖުތަމަޢު ތެރޭގައި ފެތުރިފައިވާއިރު، މާލެ ސަރަހައްދުގައިވެސް މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 20،280 އަށް އަރައިފައެވެ.