އެމްޑީޕީގެ ސޯސަލް މީޑިއާ އެކްޓިވިސްޓު އަދި ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވި ތޮއްޔިބު ޝަހީމަށް ސްޓެލްކޯގެ އިސް މަގާމަކަށް ހަމަޖައްސައިފިއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ސޯސަލް މީޑިއާގައި ޝާއިއުކުރި ބައެއް މައުލޫމާތުތަކާއި މެސެޖުތަކެއްގެ މައްސަލާގައި ހައްޔަރު ކުރި ތޮއްޔިބު ޝަހީމު އައްޔަންކޮށްފައިވަނީ ސްޓެލްކޯގެ މާކެޓިން ކޮމިއުނިކޭޝަނުގެ މަގާމެކެވެ. އެމްޑީޕީގެ ވަރަށް ހަރަކާތްތެރި މެމްބަރެއްކަމަށްވާ ތޮއްޔިބު ނިމިދިޔަ ސަރުކާރުގައި ހުރީވެސް ސިޔާސީ މަގާމެއް ކަމަށްވާ ޓުއަރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގައެވެ.
އެމްޑީޕީގެ ސޯސަލް މީޑިއާ އެކްޓިވިސްޓަކަށް ކުރިން މަސައްކަތްކުރި ޝަމްއޫން ޖަލީލު (ލޫކަސް) އަށް ވެސް ވަނީ މިސަރުކާރުގެ އިސް ވަޒީފާއެއް ހަމަޖައްސައިދީފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެހުނު މައްސަލާގައި އެމްޑީޕީ ދޫކޮށް ރައީސް ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގައި ވަރަށް ހަރަކާތްތެރި މެމްބަރެއްގެ ގޮތުގައި ފާހަގަކުރެވުނު ލޫކަސް ޖަލީލު އައްޔަންކޮށްފައިވަނީ ކޮން މަގާމަކަށް ކަމެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވެއެވެ. ޑިމޮކްރެޓްސް ގެ މެމްބަރެއްގެ ގޮތުގައި ހުރެ، އެ ޕާޓީން މާލޭ މޭޔަރުކަމަށް ކުރިމަތިލި ސައިފު ފާތިހުގެ ކެމްޕޭނުގައި ބައިވެރި ނުވުމުން، އެ ޕާޓީގެ ބައެއް ފަރާތްތަކުންލޫކަސް ޖަލީލަށް ފާޑުކިޔަމުން އަންނަ އިރު ފަހަކަށް އައިސް ލޫކަސް ހަރަކާތްތެރިވަމުން ދިޔައީ ޕީއެންސީގެ ޗެއަރމަން އަބްދުއްރަހީމު (އަދުރޭ) ގެ ސިޔާސީ ކަންކަމުގައެވެ.
ލޫކަސް ޖަލީލާއި ތޮއްޔިބު ޝަހީމު މަގާމުތަކަށް އައްޔަންކޮށްފައިވަނީ ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައެވެ.