ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސިޔާސަތުތައް އިސްލާމީ ދުނިޔެއިން ބަލައިގަންނަ ކަމަށް ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުޙައްމަދު ހަލީލް ވިދާޅުވެއްޖެއެެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދުކުރައްވާކަން އިއުލާން ކުރައްވާ އޭނާ ރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އިސްލާމީ ދުނިޔެ އާއި މެދުއިރުމަތި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސިޔާސަތުތައް ވަރަށް ބޮޑަށް ބަލައިގަންނަކަން ކަށަވަރު ކޮށްދެއްވާ ކަމަށެވެ. އަދި ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ޞާލިޙް ހޮވުމަށް ޓަކައި އެމަނިފާނާއެކު ހުންނެވި ކަމަށެވެ.
ހަލީލްގެ އިތުރުން ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލީ ހުސައިން ދީދީ ވެސް ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދުކުރައްވަން ނިންމަވާފައެވެ. މި ބޭފުޅުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ މެމްބަރުންނާއި، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަށްވެސް ހިމެނެއެވެ.




