އެކިއެކި ސަބަބުތަކާ ހުރެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ އެއްގަމު އުޅަނދު ނައްތާލައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަވިސްއިން މައުލޫމާތުދޭ ގޮތުގައި މި ގޮތުން ނައްތާލާފައިވަނީ ޕޮލިހުންގެ ބެލުމުދަށް ޓޯޔާޑުގައި ހުރި އެއްގަމު އުޅަނދުތަކުގެ ތެރެއިން ކަނޑައެޅިފައިވާ މުއްދަތުގައި ވެރި ފަރާތުން ނުގެންގޮސް ހުރި އުޅަނދުތަކެވެ. މި ގޮތުން ނައްތާލާފައިވަނީ ދެ ފުރޮޅުލީ 524 އުޅަނދާއި ހަތަރު ފުރޮޅުލީ 44 އުޅަނދެވެ. މި އުޅަނދުތައް ނައްތާލީ މެއި 31 ވަނަ ދުވަހުއެވެ.
ޓްރެފިކް ގަވައިދާ ހިލާފު ވެގެން ނުވަތަ ޕާކިން ސަރަހައްދުން ބޭރުގައި ޕާކުކުރާ އުޅަނދުތައް ނަގައި، ބަހައްޓާފައި ހުންނަނީ މާލޭ ޓޯޔާޑުގައެވެ. މި އުޅަނދުތައް ވެރި ފަރާތާއި ހަވާލު ކުރަނީ އެ އުޅަނދަކަށް ދައްކަން ޖެހޭ ފީ އާއި ޖުރިމަނާތައް ދެއްކުމުންނެވެ. ޓޯޔާޑުގައި ނުގެންގޮސް ގިނަ ދުވަސް ވެފައިވާ އުޅަނދު ތަކަކީ މި ފައިސާ ދައްކާފައި ނުވާތީވެ ހިފަހައްޓާފައިވާ އުޅަނދުތަކެވެ. އުޅަނދު ތަކުގެ ވެރިފަރާތަށް ފައިސާ ދެއްކުމަށް ލިބެނީ 3 މަސް ދުވަހެވެ.
މީގެ ކުރިން ޕާކިން ޒޯނުން ބޭރުގައި ޕާކުކޮށްފައި ހުންނަ އުޅަނދު ތަކުގައި ޖަހަނީ ’ޓްރެފިކު ވަޔަލޭޝަން‘ ސްޓިކައެވެ. ނަމަވެސް މި ސަރުކާރުން އިސްކަންދެނީ މި ފަދަ އުޅަނދުތައް ނެގުމަށް ފަހު ޓޯޔާޑުގައި ބެހެއްޓުމަށެވެ.