ސިނަމާލެ ބުރިޖު މަތިން ކަނޑަށް ފުންމާލީ މީހަކު ސަލާމަތްކޮށް، ފަރުވާދޭން ފަށައިފިއެވެ.
ޕޮލިހުން މައުލޫމާތު ދޭ ގޮތުގައި މިއަދު ހެނދުނު 8:44 ގައި ހިނގި މި ހާދިސާގައި ބުރިޖު މަތިން ފުންމާލީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ސަލާމަތްކުރީ އެ ވަގުތު އެ ސަރަހައްދުން ދަތުުރުކުރި ލޯންޗަކުންނެވެ. އޭނާ ސަލާމަތްކޮށްގެން މިހާރު ގެންދަނީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުންނެވެ.
އޭނާ ފުންލާލި ސަބަބެއް މިހާތަނަށް އެއްވެސް ފަރާތަކުން މީޑިއާއާއި ހިއްސާކޮށްފައި ނުވެއެވެ.
މީގެ ކުރިންވެސް މީހަކު ބުރިޖު މަތިން ވަނީ ކަނޑަށް ފުންމާލާފައެވެ. އެ ފަހަރު ޕޮލިހުން އޭނާ ސަލާމަތްކޮށް ފަރުވާދީފައިވެއެވެ. އޭނާ ފުންލީ މަޖަލަށް ކުރި ’ވާދަ‘ އެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ދުނިޔޭގެ ބައެއް ގައުމު ތަކުގައި ބުރިޖުތަކާއި، އުސް ތަންތަނުން ކަނޑަށް ފުންމާލަނީ ހަށިގަނޑަށް ގެއްލުންދޭން ނުވަތަ އަމިއްލައަށް މަރުވުމުގެ ގަސްތުގައެވެ.