ހުޅުމާލެއިން ރޭ ގެއްލިގެން ހޯދަމުންދިޔަ އިނގުރައިދޫ، ކަނބުރުގެ، އައިޝަތު ޒީވާ ސައީދު މިއަދު ފެނިއްޖެ ކަމަށް ޕޮލިހުން ހާމަކޮށްފިއެވެ.
އުމުރުން 13 އަހަރުގެ އައިޝަތު ޒީވާ ސައީދު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ ރޭ 07:45 ހާއިރުގައި ކަމަށެވެ. ޒީވާ އެންމެ ފަހުން ފެނުނީ ރޭ އިރުއޮއްސި 06:00 ޖަހާކަންހާއިރު ހުޅުމާލޭ ގައި ދިރިއުޅެމުންދާ އެޕާޓުމެންޓުން ކަމަށާއި އޭރު އެ ކުއްޖާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި ހަމަ އެކުލައިގެން ޕޮކެޓް ޖިންސެއްކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދިނެވެ.
ޒީވާ ފެނިފައިވަނީ މިއަދު މެންދުރު 12:15 ހާއިރު މާލެއިންނެވެ. އާއިލާއާއި ހަވާލާދީ ފުލުހުން ބުނީ ގެއްލިގެން ހޯދި ޒީވާ ގެ ހާލުވެސް ރަނގަޅުކަމަށެވެ. ނަމަވެސް ގެއްލުނު ސަބަބެއް ނުވަތަ އާއިލާއަށް ހަބަރުނުވެ އުޅުނު ސަބަބެއް، އުޅުނު ތަނެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މިހާރަކަށް އައިސް އާއިލާއަށް ހަބަރުނުވެ، ގެއްލިގެން ހޯދަމުންދާ ފަރާތްތަކުގެ އިތުރު މައުލޫމާތެއް ނުދެއެވެ. އާއިލާގެ އެދުމުގެ މަތިން މިފަދަ މައުލޫމާތުތައް ނުދޭތީ، ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އިއުލާން ކުރިޔަސް އެކަމާއި ގިނަ މީހުން ކަންބޮޑު ނުވަނީ އެފަދަ ކަންކަމުގެ ސަބަބުން ކަމަށް ބެލެވެއެވެ.