ކައިޒިން (ފާތުމަތު ޒަޔާން) ގެ އުފަންދުވަހު ފުލުހުންނާއި އެމްއެންޑީއެފުން ސެކިއުރިޓީ ދިން ކަމަށް ބުނުމުން އެ ދެ މުއައްސަސާއިން އެކަން ދޮގުކޮށްފިއެވެ. އާއްމު ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެރޭގައި ކައިޒިން އަށް ވަނީ ޕޮލިހާއި އެމްއެންޑީއެފުން ސެކިއުރިޓީ ދީފައެވެ. ނަމަވެސް އެކަން ދޮގުކޮށް ފުލުހުން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އާއްމުން އެއްވާ އިވެންޓުތަކުގައި ފުލުހުން އަބަދުވެސް ހަރަކާތްތެރިވާ ކަމަށާއި، އެއީ ގިނަ ބަޔަކު އެއްވާ ތަންތަނުގައި އެފަރާތްތަކުގެ ސަލަމާތާއި ރައްކާތެރިކަމަށެވެ. ނަމަވެސް އެ ރޭ އެއްވެސް ފަރާތަކަށް ޕާސަނަލް ސެކިއުރިޓީ ފޯރުކޮށްދީފައި ނުވާނެ ކަމަށެވެ.
އާއްމުން އެއްވާ އިވެންޓުތަކުގައި އަބަދުވެސް ޕޮލިހުން ހަރަކާތްތެރިވެއެވެ. ބައެއް އިވެންޓުތަކުގައި ޓްރެފިކަ ތޮއްޖެހުމާއި، ހަމަނުޖެހުންތައް ވެސް ހިނގާފައިވެއެވެ.
ކައިޒިން ގެ އުފަންދުވަސް ފާހަގަކުރަން އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި އިވެންޓުގައި ހަވާ އެރުވުމުގެ މަންޒަރު ބަލަން ގިނަބަޔު އެ ސަރަހައްދަށް އެއްވިއެވެ.




