ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް ޑރ.މުއިއްޒު، ކްރިއޭޓިވް އިކޮނޮމީއެއް ބިނާ ކުރުމަށް ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމާއި ގުޅޭގޮތުން ނިންމެވި ކަންކަމުގެ ތެރޭގައި ދައުލަތުގެ ގިނަ ވުޒާރާތައް އެކުލެވޭގޮތަށް ނޭޝަނަލް ކްރިއޭޓިވް އިކޮނޮމިކް ކޮމެޓީގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައި އެ ކޮމެޓީން ޤައުމީ ފެންވަރުގައި ކްރިއޭޓިވް އިކޮނޮމީއެއްގެ ސްޓްރެޓެޖީއެއް އެކުލަވާލުމަށް ނިންމެވުން ހިމެނެއެވެ.
މީގެ އިތުރުން ކްރިއޭޓިވް އިކޮނޮމީއަކަށް ދަރިވަރުން ބައްޓަންކުރުމަށް ތަޢުލީމީ މަންހަޖުގައި ހުރިކަންކަން ދެނެގަތުމާއި ބައިނަލްއަޤްވާމީ އާޓްސް ސްކޫލެއްގެ ފެކަލްޓީއެއް ޤާއިމުކުރުމާއި ސަރަޙައްދީ ފެންވަރުގެ ޕްރޮޑަކްޝަން ހައުސްއެއް ޤާއިމުކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ފަންނީ އަދި އީޖާދީ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަންޑެއް އެކުލަވާލައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)ގެ ބެލެނިވެރިކަމުގެ ދަށުން އެފަންޑުން ޚިދުމަތްދިނުމަށް ހަމަޖެއްސެވުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެގޮތުން ފޯރުކޮށްދެވޭ ޚިދުމަތްތަކުގެ ތެރޭގައި ކްރިއޭޓިވް އިކޮނޮމީގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އިންކިއުބޭޓަރ ޚިދުމަތް ފޯރުކޮށްދިނުމާއި ފަންޑުކޮށްދިނުން ހިމެނެއެވެ.
ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ކަންކަމުގެ ތެރޭގައި ސިޓީތައް ތަރައްޤީކުރާއިރު އިނޮވޭޝަން ހަބްސް އަދި ޓެކްނޮލޮޖީ ޕާކްފަދަ އުމްރާނީ ވަޞީލަތްތައް ހިމެނޭގޮތަށް ޤައުމީ މާސްޓަރ ޕްލޭން އެކުލަވާލުން ހިމެނެއެވެ.