ބަނގުރާ ފުޅިތަކަކާއެކު ހުޅުމާލެ ފޭސް އެކަކުން ދެ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުންދިޔައިރު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ޕިކަޕެއް ރޭ 07:51 އެހައިކަންހާއިރު ހުއްޓުވައި ބަލައިފާސްކޮށްފައެވެ.
އެ ޕިކަޕު ހުއްޓުވައި، އޭގައި ތިބި މީހުންނާ ސުވާލުކުރުމުން ތުހުމަތުކުރެވިގެން އެ ޕިކަޕުގައި ހުރި ފޮށިގަނޑުތަކެއް ބަލައިފާސްކޮށްފައިވެއެވެ. އެގޮތުން، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 150 ފުޅިއާއި ފައިސާތަކެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ބަނގުލަދޭޝް ދެ ފިރިހެނުންނެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.