ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަން ފަށާފައިވާ ޓަވަރު ތަކުގެ ތެރެއިން 11 ޓަވަރު ނިންމައި ޖުލައިމަހުގެ ނިޔަލަށް 11 ޓަވަރު ސަރުކާރާ ހަވާލުކުރެވޭނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
މިހާރު އެކުންފުނިން ކުރަމުންދާ މަސައްކަތްތަކާޢި ބެހޭ ތަފްސީލް ހާމަކުރައްވަމުން ހަމްދާން ވިދާޅުވީ 120 އެޕާޓްމަންޓް ހިމެނޭ 10 އިމާރާތެއްގެ ކޮންކްރީޓް މަސައްކަތް މިހާރު ނިންމާލެވިފައިވާކަމަށެވެ. އެއީ ޖުމްލަ 1،200 އެޕާޓްމަންޓެވެ. މިހާރު މި އިމާރާތްތަކުގެ ފިނިޝިން މަސައްކަތް ކުރަމުންދާއިރު ޖުލައިމަހަށް ނިންމާ ސަރުކާރާ ހަވާލު ކުރެވޭނެކަމަށް ހަމްދާން ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، އިންޑިޔާގެ އެގްޒިމް ބޭންކުގެ އެހީގައި ހަދަމުންދާ ފްލެޓުތަކުގެ ތެރެއިން މި ފެށުނު ފެބްރުއަރީ މަސް ނިމުމުގެ ކުރިން 512 އެޕާޓްމަންޓް ނިންމާ ސަރުކާރާއި ހަވާލު ކުރާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
މިހާތަނަށް ނިންމާފައިވާ 4000 ފުލެޓުގެ ތެރެއިން ފުލެޓު ލިބުނު ފަރާތްތަކަށް އެ ތަންތަން ހަވާލުކުރަން، މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ.ހައިދަރު އަންނަނީ ދެކޮޅު ހައްދަވަމުންނެވެ. މި މައްސަލަ މިހާރު އޭސީސީއަށް ފޮނުވާފައިވާއިރު އެ ފަރާތުން ބުނަނީ ފުލެޓު ހަވާލު ކުރެވޭނީ އޭސީސީން މައްސަލަބަލާ ނިމުމުން ކަމަށެވެ. ޑރ.ހައިދަރު ފުލެޓާއި ގޯތި ދިނުން ލަސްކުރާ މައްސަލާގައި ރައްޔިތުންގެ މަޖުލީހުން ވަނީ ޑރ.ހައިދަރު ވަޒީރު ކަމުގައި ހުންނެވުމަށް ރުހުން ނުދީފައެވެ. ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވަޒީރު ކަމަށް އަލުން ޑރ.ހައިދަރު އައްޔަން ކުރައްވާފައެވެ.