އަދާލަތު ޕާޓީއާ ގުޅުމަށް އަދި އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ވާދަކުރަން މި ސަރުކާރުގެ ކެބިނެޓުގައި ހުންނެވި މަގާމު ދޫކޮށްލަން ނުޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ މިހާރުގެ ރައީސް އަދި ކުރީގެ ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝެއިހް އިމްރާނު އެކްސްގައި ކުރެއްވި މެސެޖަކަށް ޖަވާބު ދެއްވަމުންނެވެ.
އަދާލަތު ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރެއްވި އިސް މުއައްސިސެއްގެ ހައިސިއްޔަތުން އެ ޕާޓީއާއި އަލުން ގުޅުމަށް ނިންމަވައި އަދި އެ ޕާޓީގެ ރައީސްކަމުގެ މަގާމަށްވެސް ވާދަ ކުރަައްވާނެ ކަމަށް ޑރ.ޝަހީމު ވަނީ މިއަދު އިއުލާން ކުރައްވާފައެވެ. މިނިސްޓަރ ޝަހީމުގެ މި ނިންމެވުމާ ބެހޭ ގޮތުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުަހއްމަދު މުއިއްޒުގެ ސަރުކާރުގެ ދޯހަޅި ކަމާހުރެ ގައުމު މިހާރު ވެއްޓިފައިވާ ހާލަތުން ސަލާމަތް ކުރެއްވުމަށް ރައީސް ޑރ.މުއިއްޒުގެ ކެބިނެޓް މަގާމް (މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒުގެ މަގާމު) ދޫކޮށް، ހާލިސް ކަމާއެކު އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރައްވާ ނަމަ އެކަމަށް އުފަލާއެކު މަރުހަބާ ކިޔާކަމަށެވެ.
ޝެއިހު އިމްރާންގެ މެސެޖަށް ޖަވާބު ދެއްވަމުން ޑރ.ޝަހީމު ވިދާޅުވީ އަދާލަތު ޕާޓީގެ ލީޑަޝިޕަށް ވާދަކުރުމަށް ކެބިނެޓުގެ މަގާމެއް ދޫކުރަން ނުޖެހޭނެ ކަމަށެވެ. އަދި މި ކަން އަދާލަތު ޕާޓީގެ ގަވައިދު މަނާ ނުކުރާކަމަށެވެ. އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމަށް، އެ ޕާޓީގެ މެމްބަރުން އެމަނިކުފާނު އިންތިހާބުކޮށްފި ނަމަ، ކޮންގްރެސްއިން ނިންމާ ގޮތަކަށް ޕާޓީގެ ކަންކަމުގައި ކުރިއަށްދާނެ ކަމަށްވެސް މިނިސްޓަރ ޝަހީމު ވިދާޅުވިއެވެ.
އަދާލަތު ޕާޓީ ދޫކުރައްވާ ޝަހީމު ޕީޕީއެމްއާއި ގުޅިވަޑައިގެންނެވީވެސް އެ ޕާޓީގެ އޭރުގެ ލީޑަޝިޕާ ހިޔާލު ތަފާތުވުން އުފެދިގެންނެވެ. އަދާލަތު ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އެ ޕާޓީގެ ރައީސް ކަމުގައި ހުންނަވައި، ރައީސް އިބްރާހިމް ސޯލިހުގެ ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމު އަދާކުރެއްވިއެވެ. ޝެއިހު އިމްރާން ގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ ސަރުކާރު ކޯލިޝަން ޕާޓުނަރެއްގެ ގޮތުގައި އެ ޕާޓީގެ މެމްބަރުންނަށް ސަރުކާރުގެ މަގާމުތައްވެސް ދެއްވިއެވެ.
މި ސަރުކާރުގެ މިނިސްޓްރީ ތަކުގެ ތެރެއިން އިސްލާމިކް މިނިސްޓްރީއަކީ އެންމެ ރަނގަޅަށް ހިނގާ އެއް މިނިސްޓްރީ އެވެ.




