އައްޑޫ ސިޓީގައި ހިނގަމުންދާ ސިލްސިލާ މަރާމާރީތަކުގެ ތެރެއިން މިއަދުވެސް ވަޅިން ހަމަލާދީ މީހަކު ޒަހަމު ކޮށްލައިފިއެވެ. މިއަދު މެންދުރުފަހު ހިނގި މި ހާދިސާގައި އައްޑޫ ސިޓީ ހިތަދޫގެ ގެއަކަށް ވަދެ މީހެއްގެ ގަޔަށް ވަނީ ވަޅީހަރާ ވަރަށް ބޮޑަށް ޒަހަމް ކޮށްލާފައެެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި ދެ ގުރޫޕެއްގެ ދެމެދުގައި މަރާމާރީ ހިނގާފައިވާ ކަމުގެ ރިޕޯޓެއް މިއަދު މެންދުރު ފަހު 3:30 ހާއިރު ލިބިފައިވާ ކަމަށެވެ. މި މާރާމާރީގައި އުމުރުން 20 އަހަރުގެ ޒުވާން ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އައްޑޫން އިން ބައެއް މީހުން ސޯސަލް މީޑިއާގައި ޕޯސްޓުކޮށްފައިވާ މައުލޫމާތުގައި ބުނާ ގޮތުން ޒަހަމްވި މީހާއަށް ހަމަލާދިނީ އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ކަމަށާއި އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔައިރު ހެޔެއް ނެތް ކަމަށެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގަ އެވެ.
އައްޑޫ ސިޓީގައި ސިލްސިލާ މަރާމާރީ ހިނގަމުން އަންނަތާ 3 ދުވަސް ވީއިރު މި ދުވަސްކޮޅު މާލެގައިވެސް މަރާމާރީ ވަނީ އިތުރުވެފައެވެ. ޕޮލިހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެއާއި އައްޑޫ ސިޓީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި މަރާމާރީތަކަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށާއި މި ކަމާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ..




