ޕީޕީއެމް ޕީއެންސީގެ އިސްބޭފުޅުން މިއަދު ކ.ހުރާއަށް ވަޑައިގަތުމުން ބަނދަރު މައްޗަށް އެއްވެ ތިބި މީހުން ނުރުހުން ފާޅުކޮށްފިއެވެ.
ސަރުކާރުގެ އިސްބޭފުޅުން ހިމެނޭ ވަފުދުގައި ޑިފެންސް މިނިސްޓަރ އަދި ޕީޕީއެމް ގެ ނައިބް ރައީސް ގައްސާނު މައުމޫނުވެސް ބައިވެރިވެ ވަޑައިގަތެވެ. ގައްސާނަށާއި ދެ ޕާޓީގެ އިސްބޭފުޅުން އިސްތިގުބާލަށް ފިނި ތަރުހީބެއް ލިބުނު އިރު ފިޔާތޮށި ކުލައިގެ ގޮނޑިއެއް ހިފައިގެން ތިބި ބަޔަކު ވަނީ ނުރުހުން ފާޅުކޮށް، މިއީ ރައީސް ޔާމީނަށް ހާއްސަކުރި ގޮނޑި ކަމަށާއި މިހާރު މި ގޮނޑީގެ ބޭނުން ނެތުނީތޯ ސުވާލުކޮށްފައެވެ.
ރައީސް ޑރ.މުއިއްޒުގެ ރިޔާސީ ކެމްޕޭނުގެ ހުރިހާ ޖަލްސާއެއް އަދި ހަފްލާތަކުގައިވެސް ހުސް ގޮނޑިއެއް ބަހައްޓައި، ރައީސް ޔާމީނަށް ހާއްސަކުރިއެވެ. ޖަލު ހުކުމެއްގައި ހުރުމުން ބައިވެރި ނުވެވޭތީ ރަމްޒީ ގޮތުން ކޮންމެ ހަފްލާއެއްގައި ހުސްގޮނޑި ބެހެއްޓުމަށް ފަހު އެކަން ހުއްޓާލާފައިވަނީ ރައީސް މުއިއްޒު އިންތިހާބު ކާމިޔާބު ވުމަށްފަހު ބޭއްވި ހަފްލާތަކުން ފެށީގެންނެވެ. އޭގެ ފަހުން ރައީސް ޔާމީނާއި ރައީސް މުއިއްޒު ދެމެދުގައި މައްސަލަ ޖެހި، ޔާމީން ވަނީ ޕީޕީއެމުން ވަކިވެ އަމިއްލަ ޕާޓީއެއް ހެދުމުގެ މަސައްކަތް ފަށާފައެވެ.
ކ.ހުރާ ގައިވެސް ރައްޔިތުންގެ ބަޔަކު ނިކުމެ ހަނދާން ކޮށްދިނީ އެރަށުގައި ރައީސް ޑރ.މުއިއްޒުގެ ކެމްޕޭނު ހަރަކާތްތަކުގައި ޔާމީނަށް ހުސްގޮނޑިއެއް ބަހައްޓައި އެމަނިކުފާނަށް ހާއްސަކުރި ކަމަށާއި މިހާރު އެ ގޮނޑީގެ ބޭނުން ކެނޑުނީތޯއެވެ. ސޯސަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައިން ފެންނަނީ ހުރާ ބަނދަރު މައްޗަށް އެއްވެފައި ތިބި ބައެއް މީހުން ޕީއެންސީގެ ޗެއަރމަން އަބްދުއްރަހީމު އަބްދުﷲ (އަދުރޭ)އަށް ނިސްބަތްކޮށްވެސް ނުރުހުން ފާޅުކުރިއިރު މި ގޮނޑީގައި އިށިންދެލާފައި ރަށު ތެރެއަށް ދިއުމަށް ބުނާ މަންޒަރެވެ. ރައީސް ޔާމީނަށް ހަރާމްކޯރުވީ ކަމަށާއި ތިއީ ހަރާމްކޯރު ބައެއް ކަމަށްވެސް ބުނެއެވެ.
ހުރާއިން ވާހަކަ ދެއްކި މީހަކު ބުނީ އެމީހުން ބޭނުންކުރީ ރައީސް ޔާމީނަށްޓަކައި ޕީޕީއެމް ޕީއެންސީން ރައީސް ޑރ.މުއިއްޒު ގެ ކެމްޕޭނުގައި ބޭނުން ކުރި އަސްލު ގޮނޑި ކަމަށާއި، އިންތިހާބު ކާމިޔާބުވުމުން ރައީސް ޔާމީނާ ދޭތެރޭ ކަންތައްތައް ކުރަމުންދާ އިހާނާތްތެރި ގޮތްތަކުގެ ސަބަބުން އެރަށު ޕީޕީއެމް މެމްބަރުން ’ރަތަށް‘ އަރާފައިވާ ކަމަށެވެ.




