ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް އައު ބޭފުޅުން ހަމަޖައްސައިފިއެވެ.
މި ގޮތުން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާބަންކޯ) ގެ މެނޭޖިންގ ޑައިރެކްޓަރަކަށް އައްޔަން ކުރީ މ.ޒޭވަރު އިބްރާހިމް ފަޒުލް ރަޝީދެވެ. ފަޒުލު މިހާތަނަށް ހުންނެވީ ފުލިދޫ ދާއިރާގެ މެމްބަރުކަމުގައެވެ. މި ގަމާމަށް އައްޔަން ކުރުމުން ފަޒުވަނީ ރައްޔިތުންގެ މަޖުލީހުގެ މެމްބަރުކަމުން އިސްތިއުފާދެއްވާފައެވެ. ރައްޔިތުންގެ މަޖުލީހުގައި ތަމްސީލު ކުރަމުން އައީ ރައީސް ޑރ.މުއިއްޒު ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންސީގެ ޑެޕިއުޓީ ލީޑަރުކަމެވެ. މީގެ އިތުރުން ފަޒުލު ވަނީ ޔޫތު މިނިސްޓްރީގެ އެސިސްޓެންޓު ޑައިރެކްޓަރ ކަމާއި، ރައްޔިތުން މަޖުލީހުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަނުގެ މަގާމާއި، ރައީސް ޔާމީނުގެ ވެރިކަމުގައި އެމްޑަބްލިއު އެސްސީ ގެ މެނޭޖިންގ ޑައިރެކްޓަރުކަންވެސް ކުރައްވާފައެވެ. ފަޒުލު ތައުލީމު ހާސިލު ކުރެއްވީ ބިޒްނަސް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއިން އޮސްޓްރޭލިޔާގައެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ މެނޭޖިންގ ޑައިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ މއ.ނޫރީގެ، އިބްރާހިމް ޝަރީފެވެ. ޝަރީފު މީގެ ކުރިން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ރައީސް ޔާމީނުގެ ވެރިކަމުގައި ޑިރެކްޓަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމައި، ޓްރާސްޕޯޓު އޮތޯރިޓީގެ ޗެއަރމަންގެ މަގާމުވެސް އަދާކުރެއްވިއެވެ. ޝަރީފު އެންމެ ފަހުން އަދާކުރެއްވީ އޮސްޓްރޭލިޔާގައި ހުންނަ ދިވެހި ސަރުކާރުގެ ޓްރޭޑް ރެޕްރެސެންޓޭޓިވް ގެ މަގާމެވެ. ޝަރީފު ތައުލީމު ހާސިލު ކުރެއްވީ އޮސްޓްރޭލިއާ އާއި އިނގިރޭސި ވިލާތުންނެވެ.
ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަމުންދާ އަދި ގިނަ އަދަދެއްގެ ވިޔަފާރިތަކެއް ކުރަމުންދާ އެސްޓީއޯ ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސީ ހުޅުމާލެ ފްލެޓް ޑީ 2،8، ސީ، ޝިމާދު އިބްރާހިމެވެ. ޝިމާދު މަތީ ތައުލީމު ހާސިލު ކުރެއްވީ މެލޭޝިޔާއިންނެވެ. އެކައުންޓިން ފައިނޭންސް ރޮނގުން ހާއްސަވެ އެ ދާއިރާއިން ވަނީ ގިނަ ކުންފުނިތަކެއްގެ ޒިންމާދާރު މަގާމުތަކެއް އަދާކުރައްވާފައެވެ. މީގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ބޭރުގެ ދަރަނިތައް ބެލެެހެއްޓުމާއި އެސެޓް ލައިބިލިޓީގެ ވެރިއެއްގެ މަގާމާއި، މޯލްޑިވްސް އިސްލާމިކް ބޭންކު ގެ ސީއެފްއޯ ކަމާއި، ވިލާ ގުރޫޕުގެ ސީއެފްއޯ ގެ މަގާމުގެ އިތުރުން އެމްޓީޑީސީ، ތިލަފުށި ކޯޕަރޭޝަން، މޯލްޑިވްސް އިސްލާމިކް ބެންކު އަދި އެސްޓީއޯގައި ބޯޑު މެމްބަރުކަން އަދާކުރައްވާފައިވެއެވެ.




