ވެރިކަންކުރާ ކޯލިޝަން ޕީޕިއެމް ގެ އޮފީސް ހިންގާ އިމާރާތް ހުސްކުރަން އެ އިމާރާތުގެ ވެރި ފަރާތުން އަންގައިފިއެވެ. ހ،ހުރަފާގައި ހަދާފައިވާ ޕީޕީއެމް ގެ އޮފީސް އިމާރާތް ހުސްކުރަން އަންގައި އެ ޕާޓީއަށް ނޯޓިސް ފޮނުވާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށްވެއެވެ. ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕީޕީއެމް ހުރިހާ ހަރަކާތެއް ހިންގި އިމާރާތުގައި ކުރިން ޕީއެންސީގެ އޮފީސްވެސް ހިންގިއެވެ. މި ހަފްތާގެ ތެރޭގައި ޕީއެންސީން ވަނީ ވަކި އޮފީހެއް ކާނިވަލު ސަރަހައްދު (ދޮންމަނިކު ވިއު ތިރީގައި) ހުޅުވާފައެވެ.
ޕީޕީއެމް އިން ރައީސް ޔާމީން އިސްތިއުފާދެއްވާ އަލުން ޕާޓީއެއް ހަދަން ވަނީ ހަމަޖައްސާފައެވެ. މިކަމުގެ ސަބަބުން އެ ޕާޓީ ތެރޭގައި އުފެދިފައިވާ ނުތަވަސްކަމުގައި ބައެއް އާއްމު މެމްބަރުންވެސް ވަނީ ޕީޕީއެމް ދޫކޮށް ޔާމީން ޕާޓީއާއި ގުޅުމަށް ނިންމާފައެވެ.
ޕީޕީއެމް އޮފީސް ހިންގާ އިމާރާތް ކުއްޔަށްދީފައިވަނީ ރައީސް ޔާމީނަށް ކަމަށްވެއެވެ.
އެމްޑީޕީ ދޫކޮށް ނަޝީދު ޕާޓީއެއް ހެއްދެވުމުން އެ ޕާޓީގެ ހަރުގެ ހިންގި އިމާރާތުގެ ވެރި ފަރާތުން އެތަންވަނީ އަތުލާފައެވެ. މިހާރު ހަރުގެ ބިން ސިޔާސީ ހަރަކާތްތައް ހިންގުމަށް ދީފައިވަނި ނަޝީދުގެ ޑިމޮކްރެޓްސްއަށެވެ.




