ރައްޔިތުން މަޖުލީހުގެ ރައީސް ގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިންތިހާބުކޮށްފިއެވެ. އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖްލިސް މަރުތަޅު އެޅި ހުއްޓުމަކަށް އައުމުން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ވާދަކުރީ އެމްޑީޕީގެ ޕާލިމެންޓު ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމާއި ޑިމޮކްރެޓްސް ޕާޓީގެ ޕާލިމެންޓު ގުރޫޕުގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. މިރޭ 10 ޖެހިއިރު އެޖެންޑާގައި ހަމައެކަނި ރައީސެއް އިންތިހާބު ކުރުމަށް ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖުލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އެވެ. މަޖުލީހަށް ހާޟިރުވި މެމްބަރުންގެ ސިއްރު ވޯޓަކުން އަސްލަމް ކާމިޔާބު ކުރެއްވީ 53 ވޯޓުންނެވެ. އަލީ އާޒިމަށް ލިބުނީ 23 ވޯޓެވެ.
ވޯޓު ގުނާ ނިމުމުން އިންތިހާބު ކާމިޔާބު ކުރައްވާ މަޖުލީހުގެ އައު ރައީސަކަށް އަސްލަމް އިންތިހާބު ވުމުން މަޖުލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ނައިބް ރައީސް އީވާ އަބްދުﷲ ވަނީ އަސްލަމަށް މަރުހަބާ ދަންނަވައި އަސްލަމް ގެ ޕާލިމެންޓްރީ ހަޔާތުގެ ތައާރަފެއް ދެއްވާފައެވެ. އޭގެ ފަހުން މަޖުލީހުގެ ރިޔާސަތު ހަވާލުވުމަށް އަސްލަމަށް ދައުވަތު ދެއްވާ ރިޔާސަތު ހަވާލު ކުރެއްވިއެވެ. އަސްލަމް ރިޔާސަތާއި ހަވާލުވެ މެމްބަރުންނަށް ޝުކުރު އަދާކުރަމުން ވިދާޅުވީ މަޖުލިސް ކުރިއަށް ގެންދާނީ ގާނޫނާއި ގަވައިދު ތަކާއި އެއްގޮތަށް ކަމަށާއި އެކަމަށް މެމްބަރުންގެ އެއްބާރުލުން ދިނުމަށް އެދިވަޑައިގަތެވެ.
ވޭތުވެދިޔަ މަހެއްހާ ދުވަހުގެ މަޖުލީހުގެ ޖަލްސާތަކާއި ހިލާފަށް މިއަދު މަޖުލީހުގެ ޖަލްސާގައި އެއްވެސް ހަމަ ނުޖެހުމެއް ނިޒާމީ ނުކުތާގެ މައްސަލައެއް ދިމާ ނުވެއެވެ.




