ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅާފައިވާ މުހިންމު ބިލުތަކެއްގެ މަސައްކަތް ނުނިމި ހުރުމުގެ ސަބަބުން އެޓާނީ ޖެނެރަލްގެ އޮފީހުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފިއެވެ.
އެ އޮފީހުން ބުނީ، 2018 ވަނަ އަހަރު މި ސަރުކާރު އައި ފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 153 ބިލުގެ ތެރެއިން އަދިވެސް ނުނިމި އެކި މަރުހަލާތަކުގައި 30 ބިލެއްގެ މަސައްކަތް އެބަ އޮތް ކަމަށެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކުގެތެރެއިން 2 ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކުރައްވަވާ އޮތްއިރު، މިހާތަނަށް މަޖިޅީހުން ފާސްނުވެ އޮތީ އެއް ބިލެވެ.
މިހާތަނަށް ނުނިމި އެކި މަރުހަލާތަކުގައި ހުރި ބިލުތަކުގެތެރޭގައި މަސައްކަތްތެރިންނާ ގުޅުންހުރި މުހިންމު ދެ ބިލެއް ކަމަށްވާ ސިއްހީ ރައްކާތެރިކަމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަން ބިލު ހިމެނޭ ކަމަށް އޭޖީ އޮފީހުން މަޢުލޫމާތުދެއެވެ.
އަދި ދިވެހިރާއްޖޭގެ ރައްތަކުގެ ބިން ބޭނުންކުރުމާގުޅޭ އުސޫލުތައްް އެކަށައަޅާ ބިލާއި، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލުގެ އިތުރުން، ވިޔަފާރިއާއި އާންމު ސިއްހަތާ ގުޅުންހުރި މުހިންމު ބިލުތައް ވެސް މަޖިލީހުގައި އޮތްކަން އޭޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
މީގެއިތުރުން އަދުލު އިންސާފާއި ޝަރުއީ ދާއިރާއާ ގުޅުންހުރި މުހިންމު ބިލުތަކެއްގެ މަސައްކަތް ވެސް ނުނިމި އޮތްކަމުގެ ކަންބޮޑުވުން އޭޖީ އޮފީހުގެ ބަޔާނުގައި ވަނީ ފާޅުކޮށްފައެވެ.
މި ބިލުތަކަކީ ކޯޓުތައް އިސްލާހުކުރުމަށާއި، އަދުލު އިންސާފު ގާއިމްކުރުމަށް މުހިންމު ބިލުތަކެއްކަމުގައި އޭޖީ އޮފީހުން ވަނީ ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައްތިތުން މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދާިއ ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއާއި ޖެހުނު މައްސަލާގައި ޕާޓީ ދޫކުރައްވައި އެހެން ޕާޓީއެއް ހެއްދެވުމުގެ ކުރިންވެސް ސަރުކާރުން ފޮނުވާފައިވާ ބިލުތައް ގަސްތުގައި އެޖެންޑާ ނުކޮށް ލަސްކުރާ ކަމުގެ ޝަކުވާ މެމްބަރުން ކުރެއެވެ. މަޖުލީހުގެ އިދާރީ މޭޒު، އަމީންއާއްމު އަދި ކައުންސެލް ޖެނެރަލުގެ ކޮންޓްރޯލްވެސް ކުރައްވަނީ ނަޝީދެވެ. އެހެންކަމުން ސަރުކާރަށް ބޭނުންވާ ގޮތަކަށް މަޖުލީހުގެ އެއްބާރުލުމެއް ނުލިބެއެވެ.




