ރައްޔިތުންގެ މަޖުލީހުގެ ރައީސްް އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާއން ނަގައި، ދެ ބަޖެޓް ފާސް ކުރުން މަޖުލީހުގެ އެޖެންޑާގައި ހިމަނައިފިއެވެ. މާދަމާގެ ޖަލްސާއަށް މެމްބަރުންނަށް ފޮނުވި އެޖެންޑާގައިވަނީ އަންނަ އަހަރަށް ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ބަޖެޓް ފާސްކުރުމާއި މިއަހަރަށް ސަރުކާރުން ފޮނުވާފައިވާ ސަޕްލިމެންޓްރީ ބަޖެޓު ފާސް ކުރުމެވެ. ރައްޔިތުންގެ މަޖުލީހުގެ ގަވައިދު ބުނާ ގޮތުން މަޖުލީހުގެ ރައީސް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށައަޅާފައިވާ ނަމަ އެކަން ވަކި ގޮތަކަށް ނުނިންމާ މަޖުލީހުގައި އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް މަޖުލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ ވަނީ ގަވައިދުގައި އެހެން އޮތަސް ބަޖެޓް ފާސްކުރަން ވަކި ތާރީހެއް އޮތްކަމަށް ބުނެ އެ ކަންތައްތައް އެޖެންޑާކޮށްފައެވެ.
މަޖުލީހުގެ އަމީން އާއްމު ގަބޫލު ކުރާ ގޮތުގައި ރައީސް އިތުބާރު ނެތް ކަމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބްރައިސް އީވާ އަބްދުﷲ އެވެ. މި މައްސަލާގައި މަޖުލިސް މެމްބަރުންނާއި ގާނޫނީ ބޭފުޅުންވެސް ވިދާޅުވަމުން ގެންދަވަނީ ނައިބްރައިސް ހާޟިރު ނުވާ ނަމަ އެހެން ގޮތްތައްވެސް ހުންނާނެ ކަމަށާއި އެހެން ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާ ތަރުތީބުން އެކަން ކުރަމުން ގެންދެވިދާނެ ކަމަށެވެ. ނައިބް ރައީސް އީވާގެ ސަލާމުގެ މުއްދަތެއް ނޭންގޭތި މި މައްސަލައިގެ ގޮތެއް ނިންމޭނީ ސްޕްރީމް ކޯޓަށް އެމްޑީޕީން ހުށައަޅާފައިވާ މައްސަލައިގެ ލަފައެއް ލިބިގެންނެވެ.
ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅާފައިވާ މެމްބަރުން ތުހުމަތު ކުރަނީ އީވާ ބަލި ސަލާމުގެ ނިވަލުގައި ހުރެ މަޖުލީހުގެ ޖަލްސާތަކާއި ރައީސް އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓުވާލައިގެން އުޅެނީ ކަމަށެވެ. މަޖުލީހުގެ އަމީންއާއްމު ފާތުމަތު ނިއުޝާވެސް ތާއިދު ކުރަނީ ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރުމަށެވެ.




