ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް ހުށައަޅާފައިވާތީވެ، އެ ކަމުގައި ބާއްވާ ޖަލްސާ އާދިއްތަ ދުވަހަށް އެޖެންޑާ ކޮށްފައިވަނިކޮށް، އެ ޖަލްސާ ނުބޭއްވިދާނެ ކަމުގެ ކުލަވަރު ފެންނަން ފަށާއިފިއެވެ. މަޖުލީހުގެ ގަވަިއިދު ބުނާ ގޮތުން ރައްޔިތުން މަޖުލީހުގެ ރައީސް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅާ އެޖެންޑާ ކޮށްފި ނަމަ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ވާނީ ނައިބް ރައީސް އެވެ. ނައިބް ރައީސް އަކީ ނަޝީދަށް ބޮޑުބޭބެ ކިޔާ އީވާ އަބްދުﷲ އެވެ. ޑިމޮކްރެޓްސް މެމްބަރުންގެ ސޯސަލް މީޑިއާ ގުރޫޕެއްގައި ވާހަކަ ދައްކަވަމުން މެމްބަރުން ބުނަމުން ދަނީ އީވާ މަޖުލީހުގައި ބައިވެރިވެ ވަޑައި ނުގަންނަވާތީވެ އެދުވަހު ޖަލްސާ ނުބޭއްވޭނެ ކަމަށާއި އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް ޕާޓީއަށް ބަދަލުވެފައިވާ ނަޝީދު އާއި އީވާއަކީވެސް މީގެ ކުރިން އިތުބާރު ނެތް ކަމަށް ހުށައެޅުމުންވެސް މަގާމު ދޫނުކޮށް އެކި އުޒުރު ދައްކައިގެން ޖަލްސާތައް ބޭއްވުމަށް ހުރަސް އަޅާފައެވެ. މީގެ އިތުރުންޖަލްސާތައް ކެންސަލު ކުރުވާ އެންމެ ފަހުން ރިޔާސީ އިންތިހާބު ތެރޭގައި އެމްޑީޕީއަށް ޕްރެޝަރުކޮށް އިތުބާރު ނެތް ކަމުގެ މައްސަލަ ވަނީ އަނބުރޭ ގެންގޮސްފައެވެ.
އިތުބާރު ނެތް ކަމަށް ހުށައެޅި ދެ ފަހަރުވެސް މަޖުލީހުގެ އަމީން އާއްމު އަދި ކައުންސެލް ޖެނެރަލް ވެސް މަސައްކަތް ކުރަމުންދަނީ ނަޝީދުގެ ދިފާއުގައި ގަވައިދާ ގާނޫނުތަކާ ހިލާފަށް ކަމަށް ބައެއް މެމްބަރުން ތުހުމަތު ކުރެއެވެ. މީގެ ކުރިން ހުށައެޅި އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރަން މަޖުލީހުގެ އަމީން އާއްމު ވަނީ ދެކޮޅު ހަދާފައެވެ. އެ ފަހަރު ވަނީ ތަފާތު އުޒުރު ދައްކައި ނަޝީދު ބޭނުންވާ ގޮތަށް ދައުރު ނިމެންދެން މައްސަލަ ދިގުދަންމާލާފައެވެ.




