މ. އަތޮޅު މުލީ ގެ 7.2 ނޯޓިކަލް މޭލު ހުޅަނގުން އޮންނަ ފަރަކަށް އަރާފައިވާ ދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި ތިން ދިވެހީންނާއެކު ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި ”އާމިރާ“ ނަމަކަށް ކިޔާ ދޯނި ވަނީ ގަލެއްގެ މައްޗަށް ބީހިފައި ކަމަށާއި ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައިވާ ކަމަށެވެ.

އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މިގޮތުން، ދޯނީގެ އަޑިން ފަޅައިގެން ގޮސްފައިވާ ތަންތަން ކޯސްޓްގާޑް ތާޑު ސްކޮޑްރަންގެ ޑައިވަރުންގެ އެހީތެރިކަމާއެކު ބެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވާކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.




