އދ. ދިގުރަށުން 2،000 އަކަފޫޓުގެ 77 ގޯތި ދޫކުރަން ނިންމައި އެ ގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ވެސް ކުރަމުން އަންނަ ދިގުރަށުން ދިރިއުޅެން ގޯތި ދޫކުރަން، އެ ރަށު ކައުންސިލުން އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ގޯއްޗަށް އެދޭ މީހުންގެ ޝަރުތު ތަކުގެ ތެރޭގައި އެމީހެއްގެ ނަމުގައި ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ރަޖިސްޓްރީކޮށްފައި ނެތުން ނުވަތަ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާ މީހަކު ނަމަ ބައެއް ނުވަތަ ފްލެޓެއް ދޫކޮށްލަން ޖެހޭނެއެވެ. ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފްލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރު ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުމާއި، ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އަމިއްލަ ނަމުގައި އޮވެ، އެ ގޯތި އެހެން މީހަކަށް ދީ، ދޫކޮށްލައި ނުވަތަ ވިއްކާލާފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވައިވާން ޖެހޭނެއެވެ.
ގޯތި ދިނުމުގައި އިސްކަންދޭ ތަރުތީބު ނުވަތަ ޕޮއިންޓު ލިބޭ ސަރުތުތަކުގެ ތެރޭގައި އެންމެ ގިނައިން ޕޮއިންޓް ލިބޭނީ ކައިވެނިކޮށްގެން އެ ރަށުގައި ދިރިއުޅޭ އަދި އުފަންވީރުއްސުރެ އެ ރަށުގެ ރަށްވެއްސަކަށް ވާ ނަމަ އެވެ. އެއީ ޖުމްލަ 65 ޕޮއިންޓެވެ.
ދިގު ރަށު ކައުންސިލުން ބުނީ ގޯއްޗަށް އެދޭ ފޯމު އެ ރަށު ކައުންސިލްގެ ވެބްސައިޓުންނާއި ސަރުކާރުގެ ގެޒެޓުން ލިބޭނެ ކަމަށެވެ. އަދި ޕްރިންޓްކޮށްފައިވާ ފޯމު އެ ކައުންސިލްގެ އިދާރާގެ ކައުންޓަރުން 10ރ. އަށް ލިބޭނެ ކަމަށެވެ.
ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ނުވަވަނަ ދުވަހެވެ.




