ކޮންމެ އަހަރެއްގެ ރޯދަ މަހުގައި ރަށްރަށުގައި އެންމެ ފޯރީގައި އޮންނަނީ ޤުރުއާން މުބާރާތްތަކާއި މަދަހަ މުބާރާތެވެ. އެކި ރަށްރަށުގައި ވަރަށް ވާދަވެރިކަމާ އެކު ބޭއްވޭ މި ފަދަ މުބާރާތްތަކަށް ރަށު ކައުންސިލާއި ސުކޫލުތަކާއި ބެލެނިވެރިން ވަރަށް ބޮޑަށް ތައްޔާރުވެއެވެ.
މި ގޮތުން މި އަހަރު އަރި އަތޮޅުގައި ބޭއްވޭ އެންމެ ފެންވަރު ރަނގަޅު މަދަހަ މުބާރާތެއް މި ބޭއްވެނީ އއ. މާޅޮހުގައެވެ. މޯލްޑިވިއަން އައިޑޮލުން ވިދާލުމަށް ފަހު މިހާރު އެންމެ ގިނަ މަދަހަ މުބާރާތްތަކުގެ ފަނޑިޔާރުކަން ކުރަމުންދާ ޝަލަބީ އިބްރާހިމާއި ކުޅަދާނަ ލަވަކިއުންތެރިޔާ މަރިޔަމް އަޝްފާ އިންސާފު ކުރަމުންދާ މި މުބާރާތް އިންތިޒާމު ކުރަނީ އއ. މާޅޮހު ކައުންސިލުންނެވެ.

މި މުބާރާތުގައި އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ކުދިން މަދަހަ ކިޔާއިރު، ރަށުގެ އިސްރަށްވެހިންގެ ގުރޫޕު މަދަހައަށް ބޮޑު ތަރުހީބެއް ލިބުނެވެ. ގިނަ ކުދިންގެ މާމަމެން އެމީހުންގެ ކުރިމަތީގައި ސްޓޭޖުގައި މަދަހަ ހުށައަޅައި ނިމުމުން މުޅި ހޯލުގައި ތިބި އެންމެން ކޮޅަށް ތެދުވެ ތަރުހީބުގެ އަތްތިލަބަޑީން އެމީހުންގެ ހިތްވަރަށް ހުނަރަށް ތައުރީފު ލިބުނެވެ.
މި މުބާރާތުގެ އިންތިޒާމު ތަކާއި ސައުންޑާ، އަދި އެހެނިހެން ކަންތައްތަކަށް މުބާރާތަށް އިންސާފުކުރި ޖަޖުންގެ ތައުރީފު ލިބުނެވެ. މުބާރާތުގެ އިސް ފަނޑިޔާރު ޝަލަބީ ފާހަގަކުރި ގޮތުގައި މި ރަށުން އަބަދުވެސް ލިބޭ ގާތް ކަމާއި މެހެމާންދާރި އަދި ލޯބި ވަރަށް ތަފާތެވެ. އޭގެ އިތުރުން ކުދިންގެ ހުނަރު ކުރިއަރުވަން ޝަލަބީއަށް އެނގިފައި ހުރި އެއްޗެއް ބުނެދީ އެކަމަށް ކުދިން ދޭ ޝައުގުވެރިކަމަކީ، ކުރިއަށް ދިއުމަށް މިރަށުގައި އޮތް ރޫހު އަންގައިދޭ ކަމެއް ކަމަށްވެސް ޝަލަބީ ފާހަގަކުރެއެވެ.

މި މުބާރާތުގެ ކަންތައްތަކާ ބެހޭ ގޮތުން ކައުންސިލު ގެ ރައީސް އިސްމާއިލް ވިދާޅުވީ، މި ފަހަރުގެ މުބާރާތް އެންމެ ހާއްސަވާ ކަންތައްތަކެއް ހުރި ކަމަށެވެ. މި ގޮތުން ބައިވެރިންވެސް އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށްވީ ފެންވަރު ރަނގަޅު ޖަޖުން މި ފަހަރު އިންސާފުކުރަން ލިބުމެވެ. މުބާރާތުގެ އިންތިޒާމު ތަކާއި ބައިވެރިންގެ ސަޕޯޓާއި ފޯރިއާ ދޭތެރޭވެސް ރައީސް ވަރަށް ބޮޑަށް ހިތްހަމަ ޖެހެއެވެ. މި ފަދަ މުބާރާތް ތަކުން އެންމެ ބޭނުންވާ އެއްކަމެއް އަދިވެސް ހާސިލްނުވާތި އެކަމާ ވަރަށް ކަންބޮޑުވވާ ކަމަށާއި އެއީ މި ފަދަ މުބާރާތްތަކުން ފާހަގަ ކުރެވޭ ކުދިންނާއި ރަށުގައި ތިބި މި ދާއިރާގެ ފަންނުވެރިން މުޅި ރާއްޖެއަށް ފެންނާނެ ގޮތަށް، އެމީހުންގެ އަޑުން ރެކޯޑުކުރެވިގެން އަލްބަމެއް ނުވަތަ އެހެންވެސް މަސައްކަތެއް ފެންނަން ނެތުމެވެ. ނަމަވެސް ދާދި އަވަހަށް އެ ފަދަ ކަމެއް ކުރެވި، އެ ހުވަފެންވެސް ހަގީގަތަކަށް ހެދޭނެ ކަމުގެ އުއްމީދު ރައީސް ގެންގުޅުއްވައެވެ.
މި މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދިނުން ހަމަޖެހިފައިވަނީ ކުޑައީދުގައި ބާއްވާ ހާއްސަ ހަފްލާއެއްގައެވެ.




