ދިވެހި ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ މީސްލްސް (ހިމަބިހީ) ގެ ކޭސް އެއް މިއަދު ފެނިއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ނޫސްބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި މިއަދު އައްޑޫ ސިޓީން ބަލިވި ކުއްޖަކު ވަނީ ހިމަބިއްސަށް ޕޮސިޓިވް ވެފައެވެ. މީގެ އިތުރުން ހިމަބިހީގެ އެެހެން ކޭސްއެއް ދެނެގެނެވި، ޔަގީން ކުރުމަށް ސާމްޕަލް ނަގައި ޓެސްޓު ހެދުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. މި ދެ ކޭސް ވެސް ފެނިފައިވަނީ ކުޑަކުދިންގެ ތެރެއިންނެވެ. އެހެން ނަމަވެސް މި ދެ ކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު (އިންފެކްޝަން ޕީރިއަޑް) ފާއިތުވެފައިވާތީ، މި ދެ ކުދިންގެ ފަރާތުން މި ވަގުތު އިތުރަށް ބަލިފެތުރުމުގެ ނެތްކަމަށް ވެއެވެ.
ހިމަބިއްސަކީ ދިވެހިރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށް ވުމާއެކު މި ބަލީގެ އެންމެ ކޭސްއެއް ފެނުނު ކަމުގައި ވިޔަސް އެބެލެވޭނީ އައުޓްބްރޭކެއްގެ ގޮތުގައެވެ. އަދި މި ފަދަ ހާލަތުގައި އަމަލުކުރަން ހަމަޖެހިފާ ގޮތިގެ މަތިން، ކޮންޓެކްޓުން ދެނެގަތުމާއި، ބަލި ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭ ގެ ލަފާގެ މަތިން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި ވަރަށް އަވަހަށް ވެކްސިން ދޭން ޖެހޭ ފަރާތް ތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
ހިމަބިހީގެ މައިގަނޑު އަލާމަތްތަކަކީ ހުން އައުމާ އެކު ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. މީގެ އިތުރުން ކެއްސުން، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ އަލާމަތްތައްވެސް ބައެއް މީހުންގެ ފަރާތުން ފެނުން އެކަށީގެންވެއެވެ. އެޗްޕީއޭގެ އިލްތިމާސަކީ އެއްވެސް ފަރާތަކުން މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސް ނުކުރައްވާ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމެވެ.
މި އައުޓްބްރޭކް ކޭސް އިންވެސްޓިގޭޝަން އަދި ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން އިތުރު މައުލޫމާތު އެނގެމުންދާ ވަރަކަށް އެޗްޕީއޭއިން ހާމަކުރަމުންދާނެ ވާހަކަވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.




