ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުން މުހައްމަދު ޝިފާޒު މިއަދު ވަކިކުރައްވައިފިއެވެ.
ވެރިކަންކުރާ އެމްޑީޕީގެ ނައިބްރައީސް ކަން ވެސް ކުރަމުންދާ ޝިފާޒު މިނިސްޓަރު ކަމުން ވަކިކުރީ ވަޒީފާއަށް ވެސް ނުނިކުންނަވާ ގިނަ ދުވަސްތަކެއްވެ، އެކަމާ ފާޑުކިއުން ބޮޑުވެފައިވާ ދުވަސްކޮޅެއްގައެވެ. ޝިފާޒަކީ ވެރިކަން ކުރާ އެމްޑީޕީގައި މިހާރު ދެފަޅިވެފައިވާ ފެކްޝަނުގެ ތެރެއިން ކުރީގެ ރައީސް ނަޝިދުގެ ފަޅީގައި ހުންނެވި ބޭފުޅެކެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޓޭޓެއް ހޮވުމަށް ބޭއްވި ޕްރައިމަރީގައި ޝިފާޒު ހުންނެވީވެސް ރައީސް އިބްރާހިމް ސޯލިހާއި ދެކޮޅަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ނަމުގައި ހިންގަމުންދާ ސިޔާސީ ހަރަކާތުގައި ޝިފާޒު ގެންދަވަނީ ވަރަށް އިސްކޮށް ހަރަކާތްތެރިވަމުންނެވެ. ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްްމަދު ސޯލިހަށް ފާޅުގައި ފާޑުވިދާޅުވެ، އިދިކޮޅު ކެންޑިޓޭޓުންނާ ދަނީ ގާތް ގުޅުމެއް ބާއްވަމުންނެވެ. މި ކަމުގެ ސަބަބުން އެމްޑީޕީ މެމްބަރުން ގެންދަވަނީ ޝިފާޒު ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނަވައިގެން ކުރަމުންދާ މި ފަދަ ކަންކަން ބަލައި ނުގަނެވޭނެ ކަމަށް ބުނެ އިސްތިއުފާއަށް ގޮވަމުންނެވެ. ނަމަވެސް މިހާތަނަށް ’ފިކުރުގެ ދިރުމަށް‘ ތާއިދުކޮށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބެ، ސަރުކާރު ހިންގުމަށް ހުރަސް އަޅަމުންދާ ފަރާތް ތައް އަމިއްލައަށް އިސްތިއުފާދީފައި ނުވެއެވެ.




