މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން އާއިލާއަށް ހަބަރު ނުވެ، ވީނުވީ ނޭންގި ’ގެއްލުނު‘ އާޒިމް ފެނިއްޖެއެވެ. މިއަދު ފުލުހުންވެސް ހޯދަމުންދާ ކަމަށް ބުނެފައިވާ އާޒިމް މިރޭގެ ވަގުތެއްގައި ހަބަރުވެފައި ވަނީ އޭނާގެ ބައެއް ރައްޓެހިންނަށެވެ. ބައެއް ރައްޓެހިންނަށް ފޮނުވާފައިވާ މެސެޖުގައި އޭނާ ނުގެއްލޭ ކަމަށާއި ނަމަވެސް އާއިލާއަށް ހަބަރު ނުވެ އުޅެނީ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން އާޒިމް ގެ ފޭސްބުކް އެކައުންޓުގައި ވެސް އޭނާ ނުގެއްލޭ ކަމަށް ލިޔެފައިވާ ޕޯސްޓެއް މީގެ އިރުކޮޅެއް ކުރިން ޕޯސްޓުކޮށްފައިވެއެވެ.
އިސްމާއިލް އާޒިމް އަކީ ޕީއެސްއެމް އާއި ރާއްޖެ ޓީވީގެ އިތުރުން ދިވެހި ޗެނަލްގައި ވެސް މަސައްކަތް ކޮށްފައިވާ ޕްރެޒެންޓަރެކެވެ.
މީހަކު ގެއްލިގެން ފުލުހަށް ހުށަހަޅެމުން އެ މައްސަލަ ބަލާނެ އުސޫލުތަކެއް ހުރެ އެވެ. އާންމުންނަށް އެ މައުލޫމާތު ހާމަ ކުރަނީ ފުލުހުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެވެ. އާޒިމް ގެއްލުމާއި އަދި އާއިލާއަށް ’ފިލައިގެން‘ އުޅޭ ސަބަބެއް ފުލުހުންވެސް އަދި އާއިލާއިންވެސް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.
މުރާސިލަށް ވާހަކަދެއްކި އާޒިމް ދަންނަ ބައެއް މީހުން ބުނާގޮތުން ފަހަކަށް އައިސް އާޒިމްގެ އުޅުމަށް ބަދަލުތަކެއް އައުމުން އޭނާގެ އާއިލާއިން އެކަމާ ކަންބޮޑުވެ، މާލެއިން އެހެން ތަނަކަށް ބަދަލުކުރުމަށްވެސް މަސައްކަތް ކޮށްފައިވެއެވެ.




