އެމްޓީސީސީ ފެރީ ލޯންޗެއް ކަމުގައިވާ އާރުޓީއެލް 112 ނަންބަރު ލޯންޗް ށ. ނޫމަރާއަށް ވަންނަން އުޅުމުގެ ތެރޭގައި އެރަށުގެ ނެރު ފައިކަށްޓަށް އަރައި ފިއެެވެ. މި ހާދިސާ ހިނގުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދޭންވަނީ ފަށާފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މިހާދިސާގެ ރިޕޯޓް މިއަދު އިރުއޮއްސި 18:04 ހާއިރު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. މިހާދިސާގައި އާރުޓީއެލް ލޯންޗް ފަރަށް އެރުމުން، ށ.ނޫމަރާގެ ރައްޔިތުންގެ އެހީތެރިކަމާއެކު ލޯންޗުން ފުންކޮށް އެ ލޯންޗުން ދަތުރުކުރި ފަޅުވެރިން ސަލާމަތްތެރިކަމާއެކު ވަނީ ށ. ނޫމަރާއަށް ގެންގޮސްފައެވެ. މި ހާދިސާ ހިނގިއިރު އެ ލޯންޗުން ދަތުރު ކުރީ، ހަތަރު ފަޅުވެރިންނާއި ހަތަރު ފަސިންޖަރުންނާއެކު ޖުމްލަ އަށް މީހުންނެވެ. މި ހާދިސާގައި އެ ލޯންޗުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އާރުޓީއެލް ފެރީ ލޯންޗް ށ. ނޫމަރާ ރައްޔިތުންގެ އެހީތެރިކަމާއެކު ފުންކޮށް އެރަށުގެ ފަޅަށް ވައްދާފައި އޮތް ނަމަވެސް ފަރަށް އެރުމުގެ ސަބަބުން ލޯންޗުން 10 ވަރަކަށް ފޫޓް ފަޅައިގެން ގޮސްފައިވުމާއެކު އެ ލޯންޗްގެ ދިޔަގަނޑު ހިއްކުމުގެ މަސައްކަތް މިރޭ 19:10 ހާއިރުން ފެށިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ދަނީ ކުރަމުންނެވެ. މި ލޯންޗް ދިޔަގަނޑު ހިއްކައި ނިމުމުން، އެމްޓީސީސީއިން ވަނީ މި ލޯންޗް އެހެލުމަށްޓަކައި ކުޅުދުއްފުއްޓަށް ގެންދިއުމަށް ނިންމަވާފައެވެ.




