އާއްމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ވޯލްޑްކަޕް ދެއްކުމަކީ މަނާ ކަމެއް ނޫން ކަމަށާއި އެހެން ވިޔަސް ވިޔަފާރި އުސޫލުން އާއްމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ވޯލްޑްކަޕް ބަލާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް މީޑއާ ނެޓުން ހާމަކޮށްފިއެވެ. މީޑިއާ ނެޓުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުންޏަކީ ދިވެހިރާއްޖޭގައި ވޯލްޑްކަޕު ދެއްކުމުގެ ހަމައެކަނި ރައީޓްސް ލިބިފައިވާ ފަރާތްކަމަށާއި އެ ފަރާތުން އަމަލު ކުރަމުން ދަނީ ފީފާއިން ވޯލްޑްކަޕް ދެއްކުމުގައި އަމަލުކުރަން އަންގާފައިވާ ގަވައިދާ އެއްގޮތަށް ކަމަށެވެ.
މީގެ ދެ ދުވަސް ކުރިން މީޑިއާ ނެޓުން ނެރުނު ބަޔާނުގައި އާއްމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓައިގެން ވޯލްޑްކަޕް ދެއްކުން މަނާ ކުރުމަށް ނިންމުމުން، އާއްމުންގެ ފަރާތުން ވަރަށް ބޮޑު ފާޑުކިއުމެއް މީޑިއާ ނެޓަށް އަމާޒުވިއެވެ. މީޑިއާ ނެޓުން ނެރުނު ހަރުކަށި ބަޔާނުގައި އެފަދަ ކަންކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ވާހަކަ ވެސް ވަނީ ބުނެފައެވެ. އެހެން ވިޔަސް އާއްމުންގެ ހިޔާލުހުރީ އާއްމު ތަންތަނުގައި ބޮޑު ސްކްރީން ބަހައްޓާއިގެން ވޯލްޑްކަޕްނބެލުން ހުއްޓާލާ ގޮތަކަށް ނޫނެވެ. ޔޫތު މިނިސްޓްރީންވެސް 100 އަށް ވުރެ ގިނަ ޕްރޮޖެކްޓަރ ދޫކުރަމުންދާއިރު އެންމެންގެ ވެސް ޝަކުވާއަކީ ފަހަކަށް އައިސް މީޑިއާ ނެޓުން ހަރުކަށި ގަވައިދުތައް ހަދާ އާއްމުންނަށް ދަތިވާ ގޮތަށް ކަންކަން ކުރަމުން ދިއުމެވެ. މި ގޮތުން ބްރޮޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ދިރާގު ޓީވީ ’ހުއްޓުވާލުމުގެ‘ ފަހަތުގައިވަނީ ވެސް ނުފޫޒު ގަދަ ވިޔަފާރިވެރިންގެ ހިއްސާ އޮންނަ މީޑިއާ ނެޓު ކަމަށް ތުހުމަތު ކުރެއެވެ.




