އެމްޑީޕީ ކުރީގެ ރައީސް ރީކޯ މޫސަ އަލުން އެ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.
އެމްޑީޕީގެ ރަސްމީ ޓުވިޓަރ އެކައުންޓުން، މޫސަ ސޮއިކުރިކަން ފިޔަވައި އިތުރު ތަފްސީލެއް ހިމަނާފައި ނުވެއެވެ. މޫސަގެ ފޯމު ހަވާލުކުރި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއިލް، ފޮރިން މިނިސްޓަރ ޝާހިދު އަދި ޑިފެންސް މިނިސްޓަރ މާރިޔާ، ޕާލިމެންޓު ގުރޫޕުގެ ލީޑަރ އަސްލަމްގެ އިތުރުން ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ.
ރައްޔިތުންގެ މަޖްލީހުގެ މެމްބަރުކަމާއި އަދި ނައިބްރައީސްކަންވެސް ކުރެއްވި މޫސައަކީ އެމްޑީޕީ އުފެއްދުމުގައިވެސް އިސްރޯލެއް އަދާކުރެއްވި ބޭފުޅެކެވެ. މި ގޮތުން މައުމޫނގެ ވެރިކަމުގެ ފަހުކޮޅު އިސްލާހި ހަރަކާތްތައް ރާވާ ހިންގުމުގައި އަދި މިނިވަން ބަހުސްފަދަ އޭރުގެ ސިޔާސީ ގިނަ ހަރަކާތްތަކެއް ލީޑުކުރެއްވީސްވެސް މޫސައެވެ. އެދުވަސްވަރު މިހާރުގެ އެމްޑީޕީ ރައީސް ނަޝީދުމެން އުޅުއްވީ އަމިއްލަފުޅަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައެވެ.
އެމްޑީޕީގެ ލީޑަރޝިޕާއި ޖެހުނު މައްސަލައެއްގައި މޫސަ ވަނީ އެމްޑީޕީން ވަކިކޮށްފައެވެ. އޭގެ ފަހުން ޕީޕީއެމްއާއި ގުޅިވަޑައިގެން ކުޑަ ދުވަސްކޮޅެއްގައި އެޕާޓީގައި އުޅުއްވި ދުވަސްވަރުވެސް މޫސަ ވިދާޅުވީ އަބަދުވެސް ހިތް އޮންނަނީ އެމްޑީޕީގައި ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ތާއިދުކުރެއްވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން މޫސައާއި ވަރަށް ގާތް ގުޅުމެއްވަނީ އުފައްދަވާފައެވެ. މިގޮތުން ރައީސްގެ ބައެއް ރަސްމީ ހަފްލާތަކުންނާއި ބޭރުގެ ދަތުރުތަކުގައިވެސް މޫސަ ބައިވެރިވެފައިވެއެވެ.




