މުއްދަތު ހަމަވެފައިވާ ހަނޑުލެއް، އޭގެ މުއްދަތު ހަމަވާ ތާރީހު ބަދަލުކޮށްގެން ވިއްކަމުންދާތީ އެކަމާ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ. އެ އިދާރާއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ޕާކިސްތާނުގެ އުފެއްދުމެއް ކަމަށްވާ ’އަލް ގަމަރު ގޯލްޑު ޕްރީމިއަމް އެރޯމެޓިކް ބާސްމަތީ‘ ހަނޑުލުގެ މުއްދަތު ހަމަވެފައިވާ 5 ކިލޯގެ ޕެކެޓް، މުއްދަތު ހަމަވާ ތާރީހް ބަދަލުކޮށްގެން ވިއްކަމުންދާކަން އެ އޮތޯރިޓީން ކުރި އިންސްޕެކްޝަންއަކުން ފާހަގަކުރެވިފާ ކަމަށެވެ. އެ އޮތޯރިޓީން ބެލި ބެލުމުގައި އެ ޕެކެޓްގައިވާ މުއްދަތުހަމަވާ ތާރީހް ހަމަވުމުން، އޭގެ މަތީގައި ސްޓިކަރއެއް ހަރުކޮށް އެ ތާރީހަށް ބަދަލުގެނެސްފައިވެއެވެ.

މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ވިއްކުމުން އޭގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާ ފެންވަރު ގެއްލި، އާއްމު ސިއްހަތަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމެކެވެ. އެހެން ކަމުން މި ފަދަ ގޮތްގޮތަށް ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލޭ ކަންތައްތައް ނުކުރުމަށް މޯލްޑިވްސް ފުޑްސް އެންޑު ޑްރަގު އޮތޯރިޓީން އިލްތިމާސް ކުރެއެވެ. އަދި މި ބާވަތްތައް ވިއްކުމާއި ބޭނުން ކުރުމަކީ މަނާކަމެއްކަމަށްވެސް އެ އޮތޯރިޓީގެ ބަޔާނުގައި ވިޔަފާރިވެރިންނަށާއި އާއްމުންނަށްވަނި ހަނދާންކޮށްދީފައެވެ.




