މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުގައި އެންމެ ފުރަތަމަވެސް ދަރުސް ދެއްވާނީ ޑިޕްރެޝަން، އެންޒައިޓީ އަދި ނަފްސާނީ ބަލިތަކާ ބެހޭގޮތުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. މިހާރަކަށް އައިސް ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވޭ މި މައުލޫއަށް ދަރުސްދެއްވާނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ މާލޭ އަލިމަސް ކާނިވަލުގައެވެ.
ޖުމްލަ ހަތަރު ތަނެއްގައި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާ މި ދަތުރުގައި ދެވަނަ އަށް ދަރުސް ދެއްވާނީ މި މަހުގެ 29ގައި ފުވައްމުލަކު ރަސްމީ ސްޓޭޑިއަމްގައެވެ. ފުވައްމުލަކުގައި ދެއްވާ ދަރުހުގެ މައުލޫއަކީ އިސްލާމްދީނާއި ކުލުނެވެ.
ތިންވަނަ މަންޒިލެއްގެ ގޮތުގައި އައްޑޫ ސިޓީގެ ސިޓީ ސްކެއަރ ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރެއެވެ. އައްޑޫގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ މަސައްކަތްތެރި މުސްލިމަކަށްވުމާ ބެހޭ ގޮތުންނެވެ.
އެންމެ ފަހު މަންޒިލެއްގެ ގޮތުން 4ވަނަ ދަރުސް ދެއްވާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ ސިންތެޓިކް ޓްރެކްގައެވެ. އެ ދަރުހުގެ މައުލޫއަކީ އާއިލީ މައްސަލަތަކާ ކުރިމަތިލާނެ ގޮތެވެ.
އޭގެ އިތުރުން އަންނަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި މުފްތީ މެންކް އިމާމުވެ ހުކުރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މުފްތީ މެންކު މީގެ ކުރިން ވެސް ވަނީ ދެ ފަހަރަކު ރާއްޖެ ވަޑައިގެންފަ އެވެ. އެގޮތުން 2020 ވަނަ އަހަރު މެންކް ވަނީ މާލެ އަދި އައްޑޫ ސިޓީގައި ދަރުސް ދެއްވާފަ އެވެ.




