އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެބާވަތެއްގެ ހުއިފިލަނޑާ ރާއްޖެއިން ބޭރުކުރުން ފިޝަރީސް މިނިސްޓްރީއިން މަނާ ކޮށްފިއެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިޝަރީސް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވީ ރާއްޖެއިން ބޭރުކުރުން މަނާކޮށްފައިވަނީ ކައްޗަލަ އާއި އަލަނާސި މި ދެބާވަތުގެ ހުއިފިލަނޑާއެވެ. މި ދެބާވަތުގެ ހުއިފި ލަނޑާއަކީ ދުނިޔެއިން ނެތިގެން ހިނގައިދާނެކަމުގެ ބިރު އޮތް ދެ ބާވަތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކައްޗަލަ އަދި އަލަނާސި ހުއިފި ލަނޑާއަކީ އާންމުކޮށް ރާއްޖެއިން އެކްސްޕޯޓް ކޮށް އުޅޭ ދެބާވަތް ނަމަވެސް މި ދެބާވަތުގެ ހުއިފިލަނޑާ ބޭރުކުރުން މަނާ ކުރަން ޖެހުނީ، ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަން އޮފް އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް (ސައިޓީސް) މުއާހަދާއަށް ހުއިފިލަނޑާގެ މި ދެ ބާވަތް އިތުރުކުރުމުން އެ މުއާހަދާއަށް އަމަލު ކުރުމުގެ ގޮތުންނެވެ.
ދިވެހިރާއްޖޭގައި ގިނަ ބާވަތުގެ ހުއިފިލަނޑާ އުޅުނު ނަމަވެސް ވިޔަފާރީގެ ގޮތުގައި ބޭރުކޮށް އުޅެނީ 15 ވަރަކަށް ބާވަތްކަމަށް މައުލޫމާތު ލިބެއެވެ. 2020 ވަނަ އަހަރު ވެސް ހުއިފި ލަނޑާގެ ދެ ބާވަތެއް ކަމުގައިވާ ކަޅު ބަޓާއި ހުދު ބަޓް ރާއްޖެއިން ބޭރުކުރުން މަނާ ކުރިއެވެ. ނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން އެކަން ކުރެވޭ ގޮތް އޭރުގެ ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. ހުއިފި ލަނޑާގެ ވިޔަފާރިއަކީ ނަފާވެރިކަން ބޮޑު ވިޔަފާރިއެއް ކަމުގައިވެސް މިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކުން ހާމަކުރެއެވެ.