”ޑިވެލޮޕްމަންޓް ބެންކު އޮފް މޯލްޑިވްސް ލިމިޓެޑް ”ގެ ނަމުގައި މުޅިން އަލަށް ސަރުކާރުގެ ސަތޭކަ އިންސަންތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
މިއީ ޤާނޫނު ނަންބަރ 7/2023 ( ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން ރަޢީސުލް ޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓް ކުރުމާއި، އުމުރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި،ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ އެސް އައި ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރުފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.
މިކުންފުނި ރަޖިސްޓްރީ ކުރެވިފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް، އަމީނީމަގު، 20379، މާލެ ދިވެހިރާއްޖެ މި އެޑްރެހުގައެވެ.