އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާން އާދަމް (65އ)ގެ މަރުގެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މާޅޮސް ސިއްސުވާލި މި މަރުގެ ހާދިސާ ހިނގީ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ އަބްދުއްރަހުމާން ދިިރިއުޅޭ ގޭގައި ނިދާފައި އޮއްވަައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އަބްދުއްރަހްމާންގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމަކު، އެއީ ކޮން ބައެއްކަމެއް، ނުވަތަ އެ މީހުންނާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މުރާސިލަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ މާޅޮޙަށް ނިސްބަތްވާ 3 ޒުވާނުންނެވެ.
-މުހައްމަދު ވިސާމް، ލިލީފެހި، އއ. މާޅޮސް
-އަހުމަދު ފާރިސް، ފިނިވާގެ، އއ. މާޅޮސް
-އަހުމަދު އާޝިދު، ފިޔަ، އއ. މާޅޮސް
މީގެ ތެރޭގައި ހިމެނޭ މުހައްމަދު ވިސާމަކީ ސަރުކާރުގެ ސިޔާސީ މަގާމެއް އަދާކުރަމުންދާ ޒުވާނެކެވެ. ވިސާމު އައްޔަންކޮށްފައިވަނީ އެރަށު ޔޫތު އެސޯސިއޭޓުގެ މަގާމަށެވެ. މީގެ އިތުރުން ޔޫތު ސެންޓަރު ހިންގުމާއި ޒުވާނުންގެ ހަރަކާތްތައް ރާވާ ހިންގުމުގެ އިސްވެރިޔާގެ މަގާމަށްވެސް އައްޔަންކޮށްފައިވަނީ ވިސާމެވެ. ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ސިޔާސީ އެކްޓިވިސްޓެއްގެ އިތުރުން ރައްޔިތުން މަޖުލީހުގެ މާޅޮސް ތަމްސީލުކުރާ މެމްބަރު ހަސަން ޒަރީރުގެވެސް ސިޔާސީ ކެމްޕޭނު ތަކުގައި ވިސާމު އިސްކޮށް ހަރަކާތްތެރިވާ ކަމަށް އެރަށުން މައުލޫމާތު ދެއެވެ.
ކޮންމެ މީހެއް ކުށެއް ކުރިކަމުގައި ވިޔަސް މާޅޮހު ރައްޔިތުން ބޭނުންވަނީ އަބްދުއްރަހުމާނުގެ މަރަށް އިންސާފު ލިބުމެެވެ. އެ ރަށުން ވާހަކަ ދައްކާ ކޮންމެ މީހަކުވެސް އެއްބަސްވާ ގޮތުގައި ވައްކަމާއި އަދި އެހެނިހެން ކުށްތައް މަދު ރަށެއްގައި އެފަދަ ކަމެއް ހިނގުމުން މުޅި ރަށް އޮތީ ހިމޭންވެފައެވެ. މި ކަމުގައި ހައްޔަރު ކުރި ޒުވާނުންނަކީވެސް މީގެ ކުރިން ކުށުގެ ވެށިގައި އުޅޭ ބައެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.




