ވ.އަލިމަތާ ކައިރިއަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ފެނިއްޖެއެވެ.
ބޭރުގެ ޑައިވަރުން މި ހަތަރު ޑައިވަރުން ހޯދާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި، މި ފަތުރުވެރިން ހޯދުމަށް ހިންގި ޚާއްސަ އޮޕަރޭޝަނުގައި އެ މީހުންގެ ހަށިގަނޑުތައް ލޮކޭޓް ކުރެވިފައިވަނީ އެ މީހުން ޑައިވްކުރަން ފޭބި ހޮހޮޅައިގެ ތެރެއިންނެވެ.
މި އޮޕަރޭޝަނަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން އިޓަލީ ސަރުކާރުގެ ފަރާތުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންއަށް ފޭބިފަހުންނެވެ. އެ މީހުންގެ ޚަބަރެއް ނުވެގެން ފުލުހުންނަށާއި ސިފައިންނަށް ރިޕޯޓުލިބުނީ އެ ދުވަހުގެ މެންދުރުފަހު 13:45 ހާއިރެވެ.
ޑައިވިނަށް ފޭބި ފަސް ޓުއަރިސްޓުންގެ ތެރެއިން އެކަކު ފެނިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 18:13 ހާއިރު، ސަފާރީގެ ޑައިވިން ޓީމުގެ ފަރާތުން ހޯދަނިކޮށް ގާތްގަނޑަކަށް 60 މީޓަރު އަޑިންނެވެ.
އެއާއެކު އިތުރު ޓުއަރިސްޓުންގެ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ގެ ފަރާތުން ކުރަމުންދަނިކޮށް، އެމްއެންޑީއެފް ގެ ޑައިވަރެއް ނިޔާވުމުން އެ އޮޕަރޭޝަން ވަނީ މެދުކަނޑާލާފައެވެ. މިއަދު އަލުން ފެށީ ބޭރުގެ ތަޖުރިބާކާރު ޑައިވިން ޓީމެއް ރާއްޖެއައިސް އެމީހުންގެ ބެލުމުގެ ދަށުންނެވެ.




