ރާއްޖޭގައި ހިންގާ މަޝްހޫރު އިންޓަނޭޝަނަލް ބްރޭންޑު ތަކެއް ކަމަށްވާ ޕިއްޒާ ހަޓު، ކޭއެފްސީ އަދި ކޮކާ ކޯލާ ގެ ހިދުމަތްދޭ ތަންތަނަށް ކަޅު ތެޔޮ ޖަހާ އިންޒާރު ދީފިއެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު މި ތަންތަނަށް ވަދެ އިންޒާރު ދެމުން ބުނެފައިވަނީ މި ބްރޭންޑު ތަކަކީ އިޒްރޭލަށް މަދަދޭ ބައެއް ކަމަށާއި ދިވެިހި ރާއްޖޭގައި މި ބްރޭންޑުތަކުގެ ހިދުމަތް ހުއްޓާލާއި ރާއްޖެ ދޫކޮށް ދިއުމަށެވެ. އެމީހުންވަނީ އިންޒާރު ދިނުމަށް ފަހު އިމާރާތުގެ އެެތެރޭ ބައެއް ތަންތަނަށް ކަޅު ތެޔޮ ޖަހާފައެވެ. ސޯސަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ކޭއެފްސީގެ ކައުންޓަރާއި ހިދުމަތްދޭ އޭރިޔާއަށް ވަނީ ކަޅުތެޔޮ ޖަހާފައެވެ. އަދި ޕިއްޒާ ހަޓުގެ އެތެރެއަށްވެސް ކަޅުތެޔޮ ޖަހާފައިވެއެވެ. ކޮކާކޯލާގެ ނަން ބޯޑަކަށް ކަޅުތެޔޮ ޖަހާފައިވާިއރު އެއީ ކޮކާކޯލާ ގެ ކޮންތަނެއް(އިމާރާތެއް) ގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވެއެވެ. މާލޭގައި ގިނަ އަދަދެއްގެ ކޮކާކޯލާ ވިއްކާ ތަންތަން ހުންނައިރު ހެޑް އޮފިސް ހުންނަނީ ބޮޑުތަކުރުފާނު 5 ނަމްބަރު ޖެޓީ ކުރިމަތީގައެވެ.

އިޒްރޭލުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ދޭ އުދުވާނަށް ދެކޮޅު ހެދުމުގެ ގޮތުން ދުނިޔޭގެ އެކި ގައުމުތަކުގައިވެސް ދަނީ އިޒްރޭލަށް މަދަދުދޭ އެކި ބުރޭންޑު ތަކާއި އިޒްރޭލަށް ތާއިދުކުރާ ފަރާތްތަކުގެ އުފެއްދުންތައް ބޮއިކޮޓްކޮށް އެ އުފެއްދުންތައް ބޭނުން ނުކުރުމުގެ ކެމްޕޭނެއް ފަށާފައެވެ. ހާއްސަކޮށް މެދުއިރުމަތީގެ ގައުމުތަކާއި އެފްރިކާގެ ގައުމުތަކުގައި މި ބްރޭންޑު ތަކާ ދެކޮޅަށް އަޑު އުފުލާ މުޒާހަރާކޮށްފައިވެސް ވެއެވެ.

މިދިޔަ މަހުގެ 7 ވަނަ ދުވަހުންފެށީގެން މެދުނުކެނޑި އިޒްރޭލުން ދެމުންދާ ލާއިންސާނީ ޓެރަރިސްޓު ހަމަލާތަކުގައި ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ގިނަ އަދަދަކަށް ޝަހީދުވަމުން އަންނައިރު މި ބްރޭންޑުތަކާއި އިޒްރޭލަށް ތާއިދު ކުރާ މަޝްހޫރު ފަރާތްތަކަށް މި މަންޒަރު ނުފެންނަ ކަމަށް ބުނެ އާއްމުންގެ ފާޑުކިއުން އަމާޒުވަމުން އަންނައިރު އެ ފަރާތްތަކަށް މެސެއްޖެއް ދިނުމުގެ ގޮތުން މި ބްރޭންޑް ތަކާއި ދުރުވުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.