ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލުގެ ސިފައިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އިޒްރޭލާ ދެކޮޅަށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތް ނިކުމެ، ދިން ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ ޑެޕިއުޓީ ކޮމާންޑަރެއް މަރުވެއްޖެ ކަމަށް އިޒްރޭލު ދިފާއި ވުޒާރާއިން ބުނެފިއެވެ. އިޒްރޭލާއި ލުބުނާނުގެ ބޯޑަރު ކައިރިން ދެ ފަރާތުން ބަދަލު ކުރި ހަމަލާ ތަކެއްގައި ހިޒުބުﷲ ގެ ވެސް 4 ހަނގުރާމަވެރިންވެސް ވަނީ ޝަހީދުވެފައެވެ. އިޒްރޭލު ދިފާއީ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި ލުބުނާނުގެ ހިޒްބުﷲ އިން ހަމަލާދޭތީ އެ ގައުމުގެ ސަރަހައްދުތަކަށް އިޒްރޭލުންވެސް ބޮން އަޅާ ހިޒްބުﷲއަށް ގެއްލުންތަކެއް ދީފައިވާނެ ކަމަށާއި ބޯޑަރު ކައިރިން ބަދަލު ކުރެވުނު ހަމަލާތަކުގައިވެސް ހިޒްބުﷲ ގެ ހަނގުރާމަވެރިންނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ ކަމަށެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތުން ފަށާފައިވާ އޮޕަރޭޝަން އަގްސާ ތޫފާނުގައި މުޅި އިސްލާމި އުއްމަތް ބައިވެރިވުމަށް ގޮވާލުމުން އެކަމަށް އިޖާބަދިނުމުގެ ގޮތުން ހިޒްބުﷲ ޖަމާއަތުންވެސް ވަނީ އިޒްރޭލަށް ހަމަލާދޭން ފަށާފައެވެ. މި ގޮތުން އިއްޔެވެސް ވަނީ ލުބުނާނުގެ ދަނޑުބިންތައް ހިމެނޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ އިޒްރޭލުގެ ސެކިއުރިޓީ ޕޯސްޓަކަށް ރޮކެޓު ހަމަލާތަކެއް ދީފައެވެ. މި ސަރަހައްދަކީ އިޒްރޭލުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ސަރަހައްދެކެވެ.