އްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރެވޭވަރަށް އެޕާޓީން ސޮއި ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ތަކުރާރުކޮށް ޚިލާފުވާތީކަމަށް ބުނެ ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން، މިއަދު ބޭއްވި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ކުއްލި ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ވަކިކުރަން ހުށައެޅީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއީލް އަހްމަދުއެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި 41 މެންބަރުންގެ ތެރެއިން އެ ވަގުތު މައްސަލާގައި ސޮއި ކުރެއްވީ 36 މެންބަރުންކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ބުނިއިރު އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ޕީޖީން ތައްޔާރު ވަނީ 50 އަށް ވުރެ ގިނަ މެންބަރުންގެ ސޮޔާއެކު އެ މައްސަލަ ހުށަހެޅުމަށެވެ. މިހާރު ފަންސާހަށްވުރެ ގިނަ މެމްބަރުންގެ ސޮޔާއި އަދި އެ އަދަދަށްވުރެ ގިނަ މެމްބަރުންގެ ތާއިދު މި ކަމަށް ލިބިފައިވާކަމަށް މަޖުލީހުގެ ބައެއް މެމްބަރުން މައުލޫމާތު ދެއްވައެވެ.
އެމްޑީޕީ ޕީޖީގެ ނައިބު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސޮއިކުރި މެންބަރުންގެ އަދަދު މިހާރު 44 އަށް އަރާފައިވާ ކަމަށެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ބަލާއިރު ދެބައިކުޅަ އެއްބަޔަކީ 44 މެންބަރުންނެވެ.
ރައްޔިތުންގެ މަޖުލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރުމުގެ މައްސަލަ ހުށައަޅާފައި ވިޔަސް އެ މައްސަލަ މިހާތަނަށް ކުރިއަކަށް ނުދެއެވެ. ކޮންމެ ދުވަހަކު މަޖުލިސް ނިޒާމީ މައްސަލަ ގަނޑެއްގެ ތެރޭގައި ވަކި ހިސާބަކުން ހުއްޓާލަނީއެވެ. އެމްޑީޕީ މެމްބަރުން ތުހުމަތުކުރާ ގޮތުގައި މަޖުލިސް މަރުތަޅު އަޅުވައިގެން އުޅެނީ ޕީޕީއެމް މެމްބަރުންނާ ގުޅިގެން މަޖުލީހުގެ ރައީސް ނަޝީދެވެ.